ފުރަތަމަ ސަފްޙާ / ޚަބަރު / ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑިއާސް ހޯދައިފި

ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޑިއާސް ހޯދައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 5 ޖޫން 2021

އިނގިރޭސި ޕްރިމިއަ ލީގުގެ މި ނިމުނު ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މެންޗެސްޓަ ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސް ހޯދައިފި އެވެ. އުމުރުން 24 އަހަރުގެ ޕޯޗްގީޒް ޑިފެންޑަރު ޑިއަސް ފާހަގަކުރެވިފައިވަނީ މަފަހަރުގެ ސީޒަންގެ ޕްރިމިއަ ލީގު ޗެމްޕިއަންކަން ސިޓީއަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

އިނގިރޭސި ވިލާތުގެ ފުޓްބޯލް ރައިޓާސް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް މިފަހަރު ލިބުނީ ޑިއާސް އަށެވެ. ޑިއަސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބެންފީކާ އިން ސިޓީއަށް ބަދަލުވީ 65 މިލިއަން ޕައުންޑަށެވެ. އޭގެ ފަހުން ލީގުގައި 32 މެޗު ޑިއަސް ކުޅެފައިވާ އިރު އޭގެ ތެރެއިން 15 މެޗުގައި ސިޓީގެ ކޮޅަށް ގޯލެއް ވަދެފައެއް ނުވެ އެވެ.

ލީގުގައި ޑިއާސް ކުޅުނު މެޗުތަކުގެ ތެރެއިން ސިޓީން ކާމިޔާބުކޮށްފައިވަނީ 23 މެޗެވެ. ޕްރިމިއަ ލީގުގެ ތަށި ހޯދުމުގެ އިތުރުން އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިދިނުމުގައިވެސް ޑިއާސް ސިޓީގައި އަދާކުރި ދައުރު ބޮޑެވެ.

ޑިއާސް އަށް މި ލިބުނު މަގާމަކީ ޕްރިމިއަ ލީގުގައި ކުޅޭ 20 ޓީމުގެ ކެޕްޓަނުންނާއި، ފުޓްބޯޅައިގެ ތަޖުރިބާކާރުން ހިމެނޭ ޕެނަލެއްގެ އިތުރުން އީއޭ ސްޕޯޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުން ދޭ ވޯޓުން ހޮވާ މަގާމެކެވެ. މިފަހަރުގެ ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރި ކުޅުންތެރިންގެ ތެރޭގައި ސިޓީގެ ކެވިން ޑި ބްރޭނާ، ޓޮޓެންހަމްގެ ހެރީ ކޭން، ޗެލްސީގެ މޭސަން މައުންޓް، މެންޗެސްޓަ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑެސްަ، ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި އެސްޓަން ވިލާގެެ ޖެކް ގްރީލިޝް ހިމެނުނެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!