އެމެރިކާގެ ބިލިއަނަރެއް ކަމަށްވާ ލިއޮން ކޫޕަމަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާ އަނެއްކާވެސް ގަނެފި އެވެ.
ކޫޕަމަން ފަހުން މި ގަތް ހިއްސާއާ އެކު އޭނާގެ އަތުގައި ހުރި ޔުނައިޓެޑްގެ ހިއްސާގެ އަދަދު ވަނީ 2.9 މިލިއަނަށް އަރައިފަ އެވެ.
މިފަހަރު ކޫޕަމަން ޔުނައިޓެޑްގެ ހިއްސާ ގަނެފައިވަނީ ބްރިޓިޝް އިންވެސްޓްމަންޓް ފާމް ނަމަކަށް ކިޔާ ބައެއްގެ އަތުންނެވެ. މިއީ އުމުރުން 82 އަހަރުގެ ކޫޕަމަން ޔުނައިޓެޑްގެ ހިއްސާ ގަތް ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޔުނައިޓެޑްގެ ހިއްސާ ގަނެފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރު އޭނާ ވަނީ އެއް މިލިއަން ހިއްސާ ގަނެފަ އެވެ. ކޫޕަމަންގެ އަތުގައި ހުރި ޔުނައިޓެޑްގެ ހިއްސާ ތިން ގުނަ އިތުރުކުރި ނަމަވެސް ޔުނައިޓެޑް ގަތުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށް ހަބަރުތައް ބުނެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ގިނަ ހިއްސާ ގަނެފައިވަނީ އެމެރިކާގެ ގްލޭޒާ އާއިލާއިންނެވެ. އެއާއިލާގެ އަތުގައި ޔުނައިޓެޑްގެ 67 ޕަސެންޓް ހިއްސާ އޮތްއިރު ކްލަބްގެ 28 ޕަސެންޓް ހިއްސާ އޮންނަނީ ޖިމް ރަކްލިފް އަތުގަ އެވެ. ގްލޭޒާ އާއިލާއިން ކްލަބް ހިންގުމުގައާއި، ވިޔަފާރިއާ ގުޅޭ ކަންކަމުގައި އެންމެ އިސް ބަސް ބުނާއިރު ރަކްލިފް ބަލަހައްޓަމުން އަންނަނީ ކްލަބްގެ ފުޓްބޯޅައާ ގުޅުންހުރި ކަންކަމެވެ.
ޔުނައިޓެޑްގެ ހިންގުމަށް މިފަހުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް އެ ކްލަބްގެ ސަޕޯޓަރުން ތިބީ ގްލޭޒާ އާއިލާއާ ދޭތެރޭ ވަރަށް ބޮޑަށް ނުރުހިފަ އެވެ. 2013 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރެވިފައި ނުވުމާއި، ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ނުވުން އާންމުވެފައިވުމުގެ ޒިންމާ ގިނަ ބަޔަކު އަޅުވަނީ އެ އާއިލާގެ ބޮލުގަ އެވެ. ގްލޭޒާ އާއިލާއާ މެދު ހިތްހަމަނުޖެހޭކަން ފާޅުކުރުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ މުޒާހަރާތައް ބާއްވަމުންނެވެ.