ފުރަތަމަ ސަފްޙާ / ޚަބަރު / ވޯލްޑް ކަޕުގައި ލަނޑު ނުޖެހުނަސް، ލެވެންޑޯސްކީ ސުޕަރ ކަޕުގައި ފެންވަރު ދައްކާލައިފި

ވޯލްޑް ކަޕުގައި ލަނޑު ނުޖެހުނަސް، ލެވެންޑޯސްކީ ސުޕަރ ކަޕުގައި ފެންވަރު ދައްކާލައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 13 އޮގަސްޓް 2018

މިއަހަރުގެ ވޯލްޑް ކަޕުގައި ޕޮލެންޑުގެ ގައުމީ ޓީމުގެ ފޯވަޑް އަދި އެޓީމުގެ ކެޕްޓަން، ރޮބާރޓް ލެވެންޑޯސްކީ، 29، އަށް ގޯލެއް ނުޖެހުނު ނަމަވެސް، ރޭ ކުޅެވުނު ޖަރުމަން ސުޕަރ ކަޕުގައި އޭނާގެ ފެންވަރު ދައްކާލައިފި އެވެ.

ޖަރުމަނުގެ ލީގު ޗެމްޕިއަނުން ބެޔާން މިޔުނިކް މިމެޗުގައި އެއިންޓްރަކްޓް ފްރޭންކްފަޓް އަތުން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ. ފްރެންކްފަޓް އަކީ މިދިޔަ ސީޒަނުގައި ޖަރުމަން ކަޕް ފައިނަލުގައި 3-1 އިން ބެޔާން ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލި ޓީމެވެ.

ލެވެންޑޯސްކީ މިމެޗުގައި ތިން ލަނޑު ޖަހާ، ހެޓްރިކް ހެދިއިރު، އޭނާގެ ފުރަތަމަ ދެގޯލު ފުރަތަމަ ހާފުގައި ފެނިގެން ދިޔައިރު ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފުރަތަމަ ދިހަ މިނިޓު ތެރޭގައެވެ.

މި ހެޓްރިކާއެކު ލެވެންޑޯސްކީ ވަނީ ބެޔާން އަށް ކުޅެދިން 196 މެޗުގައި 154 ގޯލް ޖަހާފައެވެ.

މެޗުގައި ބެޔާން އިން ޖެހި އަނެއް ދެގޯލް ކާމިޔާބު ކޮށްދިނީ ކިންގްސްލޭ ކޯމަން އާއި ތިއާގޯ އަލްކެންޓްރާ އެވެ.

ޖަރުމަން ލީގުގައި ބެޔާން އެޓީމުގެ ފުރަތަމަ މެޗު އޮތީ މިމަހު 24 ވަނަ ދުވަހު ހޮފެއިންހަމް އާދެކޮޅަށް އަމިއްލަ ދަނޑުގައެވެ. އޭގެ ކުރިން، މިމަހު 18 ވަނަ ދުވަހުގެ ރޭ ބަޔާން ނިކުންނާނީ ޖަރުމަން ކަޕް ފުރަތަމަ ބުރުގައި، އެސްވީ ޑްރޮކްޓަސެން/އަސެލް އާދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!