ފުރަތަމަ ސަފްޙާ / ޚަބަރު / ޖަރުމަން ސުޕަ ކަޕާއެކު ބެޔާނުން އަހަރުގެ ފަސްވަނަ ތަށި އުފުލާލައިފި

ޖަރުމަން ސުޕަ ކަޕާއެކު ބެޔާނުން އަހަރުގެ ފަސްވަނަ ތަށި އުފުލާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 1 އޮކްޓޫބަރު 2020

ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރިހޯދާ، ޖަރުމަން ސުޕަ ކަޕް ކާމިޔާބު ކޮށް، ބެޔާން މިއުނިކުން 2020 ވަނަ އަހަރުގެ ފަސް ވަނަ ތަށި އުފުލާލައިފި އެވެ. ރޭ ކުޅެވުނު ސުޕަ ކަޕުގައި ބެޔާން މިއުނިކުން ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާ އަކުންނެވެ.

ބެޔާން މިއުނިކުގެ އެލިއަންޒް އެރީނާގައި ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ވެސް ބެޔާނުންނެވެ. މެޗުގެ 18 ވަނަ މިނިޓުގައި މި ގޯލު ކާމިޔާބު ކޮށްދިނީ ކޮރެންޓިން ޓޮލީސޯ އެވެ. ޓޮލީސޯ މި ލަނޑު ކާމިޔާބު ކޮށްދިނީ އޭނާފޮނުވާލި ހަމަލާ ޑޯޓްމަންޑްގެ ކީޕަރު މާވިން ހިޓްޒްގެ ފައިގައި ޖެހި، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަލްފޮންސޯ ޑޭވިސް އޭރިޔާ ތެރެއަށް ނަގައިދިން ހުރަހެއްގައި ބޮލުން ޖަހާ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތޯމަސް މުލާ  މެޗުގެ 32 ވަނަ މިނިޓުގައި ބެޔާންގެ ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް ޑޯޓްމަންޑުން ވަނީ ފަހަތުން އަރާ ދެގޯލު ކާމިޔާބު ކޮށް، ނަތީޖާ އެއްވަރު ކޮށްފައެވެ. ޑޯޓްމަންޑްގެ ފުރަތަމަ ލަނޑު 39 ވަނަ މިނިޓުގައި އާލިން ބްރައުޓް ހާލަންޑްގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީ ޖޫލިއަން ބްރެންޓް އެވެ.

ޑޯޓްމަންޑް އިން އެއްވަރުކުރި ލަނޑު ފެނިގެން ދިޔައީ ދެވަނަ ހާފުގައި، މެޗުގެ 55 ވަނަ މިނިޓުގަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ހާލަންޑް އެވެ. އެއްވަރުކުރި ލަނޑު ޖެހިތާ ތިން މިނިޓު ފަހުން ހާލަންޑަށް ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ޑޯޓްމަންޑަށް ލީޑު ނަގައިދޭން ވަރަށް ހުސް ފުރުސަތެއް ލިބިފައެވެ. މުޅިން ހުސްކޮށް ހުރެ އޭރިޔާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށް ވީ ބެޔާންގެ ކެޕްޓަން އަދި ގޯލްކީޕަރ މެނުއަލް ނޯޔާ އެވެ.

ބެޔާނުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކުރީ މިޑްފީލްޑަރ ޖޯޝުއާ ކިމިޗް އެވެ. މި ލަނޑަކީ ރޮބަޓް ލެވޮންޑޮސްކީގެ ޕާހަކުން ކިމިޗް ފޮނުވާލި ބޯޅަ ޑޯޓްމަންޑްގެ ކީޕަރު ހިޓްޒް ދިފާއުކުރުމުން ރީބައުންސް ވެފައި އައި ބޯޅަ އޭރު އޭރިޔާތެރެއަށް ވެއްޓެންދިޔަ ކިމިޗް ފައިން ޖައްސާ ގޯލުގެތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ރޭގައި ބެޔާނުން ހޯދި ކާމިޔާބާއެކު އެޓީމުން ވަނީ މިދިޔަ ނޮވެމްބަރު މަހު އެޓީމުގެ ކޯޗު ކަމާ ހަވާލުވި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅުނު ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. ޔޫއެފާ ސުޕަ ކަޕުގައި ސްޕެއިންގެ ސެވިއްޔާ ބަލިކޮށް، ބެޔާނުން މި ސީޒަނުގެ ފުރަތަމަ ތަށި ކާމިޔާބު ކުރީ މީގެ ހަ ދުވަސް ކުރިންނެވެ. ބެޔާނުން ވަނީ މިދިޔަ ސީޒަންގެ ޖަރުމަން ބުންޑަސްލިގާގެ އިތުރުން ޖަރުމަން ކަޕާއި، ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

މިއީ ބެޔާނުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ. މިދިޔަ އަހަރު 2-0 އިން ބެޔާން ބަލިކޮށް ޖަރުމަން ސުޕަ ކަޕް ކާމިޔާބު ކުރީ ބޮރޫޝިއާ ޑޯޓްމަންޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!