ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަނުން މިދިޔަ އަހަރު ބާއްވަން ފެށި 15 އަހަރުން ދަށުގެ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތް އިއްޔެ ބޫޓާނުގައި ފަށައިފިއެވެ.
މުބާރާތް ހުޅުވި މެޗުގައި ކުޅެވުނީ ގުރޫޕް އޭގެ މެޗެކެވެ. މިދިޔަ އަހަރުގެ ރަނަރަޕް އިންޑިޔާއިން ވަނީ މިމެޗުގައި 12-0 އިން ސްރީ ލަންކާ ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގައި ހިމެނޭ މިދިޔަ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. މިމެޗު 14-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ޗެމްޕިއަން ބަންގްލަދޭޝް އެވެ.

ބަންގްލަދޭޝް އަދި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ބޫޓާން ފުޓުބޯޅަ ފެޑެރޭޝަން
ގުރޫޕް އޭގައި އިންޑިޔާ އާއި ލަންކާގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބޫޓާނެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް އާއި ޕާކިސްތާނުގެ އިތުރުން ނޭޕާލެވެ. ލަންކާ އާއި ޕާކިސްތާން މިމުބާރާތުގައި މިއީ ބައިވެރިވި ފުރަތަމަ ފަހަރެވެ. ދިވެހި ރާއްޖޭން މިމުބާރާތުގައި މިއަހަރުވެސް ބައިވެރިވެފައެއް ނުވެއެވެ.