ފުރަތަމަ ސަފްޙާ / ޚަބަރު / ބޫޓާން ބަލިކޮށް ނޭޕާލް ސެމީގެ އުއްމީދު އާކޮށްފި

ބޫޓާން ބަލިކޮށް ނޭޕާލް ސެމީގެ އުއްމީދު އާކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 6 ސެޕްޓެމްބަރު 2018

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި ބޫޓާންގެ މައްޗަށް ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއަކުން ކުރިހޯދައި، ނޭޕާލުން ސެމީގެ އުއްމީދު އާކޮށްފިއެވެ.

މިއަދުގެ މެޗަށް މިދެޓީމު ނުކުތްއިރު، މި ގްރޫޕުގައި މިދެޓީމުވެސް ކުޅުނު ފުރަތަމަ މެޗުންވަނީ ބަލިވެފައެވެ. މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް އަތުން 0-2 އިން ބޫޓާން ބަލިވިއިރު، ނޭޕާލް ވަނީ ޕާކިސްތާނާ ވާދަކޮށް 1-2 އިން ބަލިވެފައެވެ.

މިއަދު ހަވީރު ބަންގްބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް އޭ ގެ ތިންވަނަ މެޗުގައި ނޭޕާލުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަނަންތާ ޓަމަންގް އާއި، ސުނީލް ބާލް އާއި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ބަރަތު ހަވާސް އާއި ނިރަޖަން ކަޑްކާއެވެ.

މެޗުގެ 21 ވަނަ މިނެޓުގައި އަނަންތާ ޓަމަންގް ނޭޕާލްގެ ފުރަތަމަ ލަނޑު ކޮމިޔާބުކޮށްދިނީ ލިބުނު ކޯނަރެއް ބޮލުން ގޯލުގެ މަތީކަނަށް ވައްދާލައިގެންނެވެ. ސުނިލް ބާލް ނަގައިދިން ހިތްގައިމު ކޯނަރު އޭނާ ގޯލުގެ މަތީކަނަށް ވައްދާލީ އޭރިޔާތެރޭގައި މުޅިން ހުސްކޮށް ހުރެފައެވެ. ބޫޓާނުންވެސް ވަނީ މެޗުގެ 63 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް، ރެފްރީ ވަނީ މި ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ.

ނޭޕާލްގެ ދެވަނަ ލަނޑަކީ، މެޗުގެ 69 ވަނަ މިނެޓުގައި ބޫޓާންގެ ޑިފެންޑަރު ނިމާ ވަންގްޑީ ނޭޕާލްގެ ނިރަޖަން ކަޑްކާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ، ނޭޕާލްގެ ބިމާލް މަގަރް ފޮނުވާލުމުން ބޫޓާންގެ ގޯލްކީޕަރު މަތަކުރި ވަގުތު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމުގެ ސުނީލް ބާލް ކާމިޔާބުކުރި ލަނޑެކެވެ.

ނޭޕާލްގެ ފަހު ދެލަނޑަކީ، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެންނުކުތް ބަރަތު ހަވާސް އާއި ނިރަޖަން ކަޑްކާ ކާމިޔާބުކުރި ދެލަނޑެވެ. ބަރަތު ހަވާސް ލަނޑު ކާމިޔާބު ކުރީ އޭނާ ކުޅެން ނިކުތްތާ ތިން މިނެޓުވެސް ނުވަނީހެވެ. ނިރަޖަން ކަޑްކާ ލަނޑު ކާމިޔާބުކުރީ ސުނީލް ބާލް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިއީ ބާވިސް މަސްދުވަހަށް ފަހު ނޭޕާލުން އިންޓަރނޭޝަލް މެޗެއްގައި މޮޅުވި ފުރަތަމަ ފަހަރެވެ.

މިއަދުގެ މޮޅާއެކު ނޭޕާލުން ވަނީ ސެމީގެ އުއްމީދު އާކޮށްފައެވެ. އަންނަ ހޮނިހިރު ދުވަހު ނޭޕާލް ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް އާ ދެކޮޅަށެވެ. އަދި ގްރޫޕް ފަހުމެޗުގައި ބޫޓާން ނުކުންނާނީ ޕާކިސްތާން އާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!