Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ވަރުގަދަ މާޒިޔާ ކަޓުވާލައި ބުރު ސެމީ ފައިނަލަށް
ވަރުގަދަ މާޒިޔާ ކަޓުވާލައި ބުރު ސެމީ ފައިނަލަށް
މާޒިޔާ ބަލިކުރި ޕެނަލްޓީ އަށް ފަހު ބުރު ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ވަރުގަދަ މާޒިޔާ ކަޓުވާލައި ބުރު ސެމީ ފައިނަލަށް

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 11 އެޕްރީލް 2026

ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ކުރިއަށްދާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ. އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ބުރު ސްޕޯޓްސް ކުރި ހޯދީ 5-6 އިންނެވެ. 

މިރޭގެ މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 49 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭގެފަހުން 61 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އިލާން އިމްރާނެވެ. 

ދެ ގޯލު ފަހަތުގައި އޮވެ މާޒިޔާއާ ބުރުން އެއްވަރުކުރީ ހިތްވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. އެޓީމަށް އުއްމީދު ލިބުނު ގޯލު 69 ވަނަ މިނެޓުގައި ޖެހީ ގާސިމް ތޯއިފެވެ. އޭގެ ދެ މިނެޓު ފަހުން އެޓީމުން ނަތީޖާ ހަމަހަމަކުރީ ކޯނަރެއްގައި އުފެއްދި ހަމަލާއެއްގައި ބިދޭސީ ކުޅުންތެރިިޔާ ޑިއަވަންޑޫ ނިއަން ޑިއާން އެވެ. 

އެއްވަރުމުން ޖެހި ޕެނަލްޓީތަކުގައި މާޒިޔާގެ ތިން ޕެނަލްޓީ ބޭކާރުވި އެވެ. ބުރުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވި އެވެ. ބުރު ސެމީ ފައިނަލަށް ގެންގޮސްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ މުހައްމަދު ނައިސަމް ނަދީމެވެ. 

މާޒިޔާ އަކީ މީގެ ހަތަރު އަހަރު ކުރިން 2022 ވަނަ އަހަރު ބޭއްވި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމެވެ. އެފަހަރު މާޒިޔާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކްލަބް ވެލެންސިއާ 0-2 އިން ބަލިކޮށްގެންނެވެ. 

ހައިރާންކުރުވަނިވި ގޮތަކަށް އެފްއޭ ކަޕުން ބަލިވެ ކެޓުމާ އެކު މާޒިޔާ އަށް ވަނީ ސީޒަން ނިމިފަ އެވެ. އެޓީމުން ވަނީ މި ސީޒަނުގެ ޗެރިޓީ ޝީލްޑާއި ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވީ އެވެ. 

https://fahuminet.com/tournaments/fa-cup-2026

މުބާރާތުގެ ސެމީ ފައިނަލުގައި ބުރު ނުކުންނާނީ މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކުރި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. 

ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބްލޫ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ސެމީގެ ފުރަތަމަ މެޗު އޭޕްރީލްް 15 ވަނަ ދުވަހުގެ ހަވީރު ކުޅޭއިރު ދެ ވަނަ ސެމީ އެރޭ ކުޅޭނެ އެވެ. 

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings