އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށްފަށާފައިވާ ހަނގުރާމައިގެ މެދުގައި އޮތް އިރާގު މިއަހަރު ޖޫން މަހު ބާއްވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
އިރާގު ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ ޕްލޭއޮފް މެޗުގައި އެފްރިކާގެ ބޮލީވިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު ހެނދުނު މެކްސިކޯގައި ކުޅުނު މެޗު އިރާގް ކާމިޔާބުކުރީ 1-2 އިންނެވެ.
މެޗުގައި އިރާގުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ އަލް-ހަމަދީ އެވެ. އޭގެފަހުން ފުރަތަމަ ފާހު ނިމުމުމުގެ ކުރިން 38 ވަނަ މިނެޓުގައި ބޮލީވިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މޮއިސެސް ޕެނިއަގުއާ އެވެ.
އިރާގު ވޯލްޑ ްކަޕަށް ކޮލިފައިކޮށްދިން ގޯލު 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އައިމަން ހުސައިން އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލް ގުޅިގެން ވައިގެ މަގުން އީރާނަށް ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ދެމުންއަންނައިރު އީރާނާ އެންމެ ކައިރީގައި އޮތް ގައުމަކީ އިރާނެވެ.
މި ހަނގުރާމައިގައި އީރާނުން އަންނަނީ ރައްދުގައި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އެމެރިކާއާ ގުޅުންހުރި ބައެއް އެހެނިހެން ތަންތަނަށް މިސައިލާއި ޑްރޯނުން ހަމަލާތައް އަމާޒުކުރަމުންނެވެ. މީގެ އިތުރުން އިރާގުގައި ހުރި ހަކަތަ އުފައްދާ ބައެއް ސައިޓްތަކަށް ވެސް އެފަދަ ހަމަލާތައް އަންނަނީ އަމާޒުވަމުންނެވެ. މިހުރިހާ ސަބަބުތަކާ ހުރެ އިރާގުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައި އޮތުމާއި އަދި ސަލާމާތީ އިތުރު ސަބަބުތަކަށްޓަކައި އިރާގުން ޕްލޭ އޮފް މެޗު ކުޅެން މެކްސިކޯ އަށް ދަތުރުކުރީވެސް ހާއްސަ ފްލައިޓެއްގަ އެވެ.

މިއީ އިރާގު ވޯލްޑް ކަޕަށް ކޮލިފައިވި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން އެޓީމު ވޯލްޑް ކަޕްގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އެފަހަރު ވޯލްޑް ކަޕް ބޭއްވީ މެކްސިކޯގަ އެވެ. އެ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އިރާގް ވަނީ ބަލިވެފަ އެވެ.
އިރާގަކީ މިފަހަރުގެ ވޯލްޑް ކަޕުގެ އެންމެ ފަހު ޖާގަ ކަށަވަރުކުރި ޓީމެވެ.
ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުވުމާ އެކު އިރާގުގައި އަންނަނީ އުފާފާޅުކުރަމުންނެވެ. މިއީ އުނދަގޫ ހާލަތެއްގައި އޮވެ އިރާގަށް ކުޅިވަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ވޯލްޑް ކަޕްގައި އިރާގު ވާދަކުރާނީ ގްރޫޕް އައި ގަ އެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ފްރާންސް، ސެނެގާލް އަދި ނޯވޭ އެވެ. ފުރަތަމަ މެޗުގައި އިރާގް ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ފްރާންސާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި ވާދަކުރާނީ ސެނެގާލްއާ އެވެ.
