އެފްއޭއެމް ފުޓްސަލް މުބާރާތުގެ ސެންޓްރަލް ޒޯން އެކެއްގެ ފައިނަލުން ތ. ތިމަރަފުށްޓާއި، ގއ. ދެއްވަދޫ ޖާގަ ހޯދައިފި އެވެ.
ޖުމްލަ ހަ ޓީމަކުން ވާދަކުރަމުން އައި މި ޒޯންގެ ފައިނަލުން ތިމަރަފުށްޓާއި، ދެއްވަދޫ ޖާގަ ހޯދީ ރޭ ތިމަރަފުށީގައި ކުޅުނު ފޯރިގަދަ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.
ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ލ. އަތޮޅުގެ ޗެމްޕިއަން އިސްދޫއާ ވާދަކޮށް 3-4 އިން ތިމަރަފުށި މެޗު ކާމިޔާބުކުރިއިރު ތ. ވޭމަންޑޫގެ މައްޗަށް ދެއްވަދޫއިން ވެސް ކުރި ހޯދީ ހަމަ އެ ނަތީޖާއިންނެވެ.
ރޭ ތިމަރަފުށްޓާއި އިސްދޫ ވާދަކުރި ސެމީ ފައިނަލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި އެ ޓީމުގެ ހުސައިން އަފްޚާން އިސްދޫއަށް ލީޑް ނަގައިދިން އިރު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިމަރަފުށިން ވަނީ ދެ ގޯލް ޖަހައި ލީޑް ނަގައިފަ އެވެ. ފުރަތަމަ ހާފުގައި ތިމަރަފުށްޓަށް ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އިބްރާހިމް އަސްވަދު (ގަބޭ) އާއި ބިދޭސީ ކުޅުންތެރިޔާ މޮހޮސިން މޮންޓެޒީމީ އެވެ.
މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެގެން ތިމަރަފުށިން ނިންމާލި ނަމަވެސް އިސްދޫއިން ހިތްވަރު އެލުވާ ނުލައި ކުޅެ ދެ ގޯލް ޖަހައި އަލުން ލީޑް ނެގި އެވެ. އިސްދޫގެ މުހައްމަދު ނާބިތު އާއި އެ ޓީމަށް ފުރަތަމަ ގޯލް ކާމިޔާބުކޮށްދިން އަފްޚާން ތިމަރަފުށި ކޮޅަށް ވައްދާލި ދެ ގޯލާއެކު މެޗުގެ ގާތްގަނޑަކަށް އެންމެ ފަހު މިނެޓާ ހަމައަށް ފައިނަލްގެ އުންމީދު އެ ޓީމުން ދެމެހެއްޓި އެވެ.
އެކަމަކު ފުޓްސަލްގައި އެންމެ ކާމިޔާބު އެއް ރަށް ޓީމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ތިމަރަފުށްޓަށް ކުޅެމުން އަންނަ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ މުހަންމަދު ވިލްފް މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ދެ ގޯލް ޖަހައި ތިމަރަފުށިން އިސްދޫގެ އުންމީދުތައް ކަފުން ކުރި އެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ދެއްވަދޫއިން އައީ ފެށުނީއްސުރެ މެޗު ޑޮމިނޭޓްކުރަމުންނެވެ. ދެއްވަދޫއިން މި މެޗުގައި ޖެހި ފުރަތަމަ ދެ ގޯލް ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްދިން އިރު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވޭމަންޑޫގެ އައިހަމް ސައީދު ގޯލެއް ޖަހައި އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދދިނެވެ. އަދި ފަހު ހާފު ފަށައިގެން ދެވަނަ މިނެޓްގެ ތެރޭގައި ވޭމަންޑޫއަށް ކުޅެމުން އަންނަ ކާށިދޫއަށް އުފަން ޢަބްދުﷲ ސުޒޭރު ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
މެޗުގައި ދެއްވަދޫއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގައި ވެސް ހިމެނުނު އަލީ ހައިސަމް (ޗުމްޕު) އެވެ. މެޗުގެ ފޯރި އިތުރަށް ގަދަވީ އޭގެ ތިން މިނެޓް ފަހުން ވޭމަންޑޫގެ ސޮލާހް އަލީ ގޯލެއް ޖަހައި އަނެއްކާވެސް ވޭމަންޑޫއަށް ނަތީޖާ ހަމަހަމަކޮށްދިނުމާ އެކު އެވެ.
https://fahuminet.com/tournaments/fam-futsal-south-zone-1
މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ފަހު ވޭމަންދޫ އިން އިތުރު ބޯޅައެއް ވެސް ގޯލަށް ވައްދާލި އެވެ. އެކަމަކު ރެފްރީން ނިންމީ އެ ގޯލު ޖެހުމުގެ ކުރިން ފައުލް ކޮށްފައިވާ ކަމަށެވެ. އަދި، އެ ފައުލްއާ އެކު ވޭމަންޑޫގެ ފައުލްގެ އަދަދު 6 އަށް އަރައި، ދެއްވަދޫ އަށް ދުރު ޕެނަލްޓީއެއް ލިބުނެވެ. ދެއްވަދޫގެ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) މި ޕެނަލްޓީ ކާމިޔާބުކޮށް ދެއްވަދޫ އަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ.
ވޭމަންޑޫން ގޯލަށް ވައްދާލި ބޯޅަ ފައުލް ކަމަށް ނިންމުމުން ހަމަނުޖެހުން އުފެދި މެޗު ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓަށް މެދުކަނޑާލަންވެސް ޖެހުނެވެ.