އެމްޕީ ފަލާހް ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖް 2026 ގެ ފުރަތަމަ މެޗުން މިދިޔަ އަހަރުގެ ޗެމްޕިއަން ރަސްމާދޫ ހަނި ގޮތަކަށް ސަލާމަތްވި އިރު، ރަނަރަޕް މަގާމު ހޯދި ހުޅުދުއްފާރުން ބޮޑު މޮޅަކާއެކު މުބާރާތް ފަށައިފި އެވެ.
މުބާރާތް ހުޅުވި މެޗުގައި އިއްޔެ ހަވީރު ރަސްމާދޫ އިން މުބާރާތުގައި މިފަހަރު މުޅިން އަލަށް ވާދަކުރި އަނގޮޅިތީމާ ވާދަކޮށް ކުރި ހޯދީ 0-1 އިންނެވެ. މި މެޗުގައި ރަސްމާދޫއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ މިނެޓްގައި ނަސްރުﷲ މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގައިވެސް ރަސްމާދޫއަށް ގޯލް ކާމިޔާބުކޮށްދިން ނަސްރުﷲ އެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ގިނަ އިރު ބޯޅަ ގެންގުޅެ ރަސްމާދޫއިން ގިނަ ހަމަލާތަކެއް އުފެއްދި އިރު އަނގޮޅުތީމުން ވެސް ވަނީ ރަސްމާދޫ ގޯލަށް ނުރައްކާކޮށްފަ އެވެ.
މުބާރާތުގައި ރޭ ދެ މެޗު ކުޅެފައިވާއިރު ފަހު މެޗުގައި ހުޅުދުއްފާރުން ރަސްގެތީމުގެ މައްޗަށް ކުރި ހޯދީ 0-7 އިންނެވެ. މި މެޗުގައި ހުޅުދުއްފާރުގެ ތަރި އަބްދުލް މަންނާން އިބްރާހީމް ހެޓްރިކް ހެދިއިރު އެ ޓީމުގެ އަހްމަދު ޝުޖާއު ވަނީ ދެ ގޯލް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ހުޅުދުއްފާރު ޓީމުގެ އަބްދުއްރަޝީދު އަހްމަދާއި އަދި އަހްމަދު ޝާހިދު ވެސް ވަނީ ރޭގެ މެޗުގައި ރަސްގެތީމުގެ ގޯލް ފޫއަޅުވާލައިފަ އެވެ.
ރޭ ހުޅުދުއްފާރާއި، ރަސްގެތީމު ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަބްދުލް މަންނާން ހޯދި އިރު އޭނާއަކީ މިދިޔަ އަހަރު ބޭއްވި ވެޓަރަންސް ފުޓްސަލް މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ކުޅުންތެރިޔާ އެވެ.
ރޭ އެންމެ ވާދަވެރި ކުޅުމެއް ފެނުނީ މަޑުއްވަރި އާއި އިނގުރައިދޫ ވާދަކުރި މެޗުގަ އެވެ. މި މެޗު 1-1 އިން އެއްވަރުވެގެން ނިމުނު އިރު މެޗުގައި ފެނުނު ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން މަޑުއްވަރިން ރަގަޅަށް ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ގޯލް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިނގުރައިދޫއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އަބްދުއްރަހްމާނެވެ.
އިނގުރައިދޫއިން މަޑުއްވަރި ކޮޅަށް ވައްދާލި ލަނޑާއެކު ލިބުނު ހިތްހަމަޖެހުން ދެމިއޮތީ އެންމެ ދެ މިނެޓެއް ހާއިރަށެވެ. މެޗުގެ 15 ވަނަ މިނެޓްގައި މަޑުއްވަރި އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޝައްމޫން އިލްޔާސް އެވެ. މި މެޗުގައި އިނގުރައިދޫގެ ގޯލްކީޕަރު އާޔަތުﷲ ގާސިމްފުޅަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައި ވެސް ވެ އެވެ.
https://fahuminet.com/tournaments/r-veterans-futsal-challenge-2026
ޖުމްލަ 11 ޓީމަކުން ވާދަކުރާ މި މުބާރާތް ހުޅުވުމުގެ ގޮތުން ރޭ ވަނީ ކުލަގަދަ ރަސްމިއްޔާތެއްވެސް ބާއްވައިފަ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗު ފެށުމުގެ ކުރިން ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ ދައްކާލުމުގެ އިތުރުން މިފަހަރުގެ މުބާރާތަށް ތައްޔާރުކޮށްފައިވާ ތީމް ލަވަ ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖުގައި މިއަދު ވެސް ތިން މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ގްރޫޕް ސީ ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރާނީ ދުވާފަރާއިމ އުނގޫފާރެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމު ކަމަށްވާ މާކުރަތާއި، އިންނަމާދޫ އެވެ. މިރޭ ކުޅޭ ގްރޫޕް އޭގެ މެޗުގައި ވާދަކުރާނީ ރަސްމާދޫ އާއި ރަސްގެތީމެވެ.