DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ރ. ވެޓަތަންސް: އެންމެ ވަރުވަދަ ގްރޫޕްގައި އޮތަސް ދެ އަވަށްޓެރިންގެ ހާސްކަމެއް ނެތް
ރ. ވެޓަތަންސް: އެންމެ ވަރުވަދަ ގްރޫޕްގައި އޮތަސް ދެ އަވަށްޓެރިންގެ ހާސްކަމެއް ނެތް
ރ. ވެޓަތަންސް ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވި ރަސްގެތީމު ޓީމާ މުބާރާތާތުގައި ކުޅުނު މެޗެއް ފެށުމުގެ ކުރިން ޝަރަފްވެރި މެހްމާން ސަލާމްކުރައްވަނީ - ފޮޓޯ: ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން

ރ. ވެޓަތަންސް: އެންމެ ވަރުވަދަ ގްރޫޕްގައި އޮތަސް ދެ އަވަށްޓެރިންގެ ހާސްކަމެއް ނެތް

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން • 24 ސެޕްޓެމްބަރު 2026

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރ. ވެޓަރަންސް ފުޓްސަލް މުބާރާތް މާދަމާ ހަވީރު ފަށާއިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުން އަންނަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުންނެވެ. މުބާރާތުގެ ކުރިން ޓީމުގެ ފެންވަރު ވަޒަންކޮށްލުމަށްޓަކައި އެކުވެރިކަމުގެ މެޗުތައް ކުޅެމުން އަންނައިރު ސަޕޯޓަރުންގެ ފޯރި އިތުރުކުރުމަށްޓަކައި  ވެސް ގިނަ މަސައްކަތްތަކެއް ޓީމުތަކުން އަންނަނީ ކުރަމުންނެވެ.

ރަސްމާދޫ ކައުންސިލް އިދާރާ އާއި ރަސްމާދޫ ސްޕޯޓްސް ކްލަބްގެ އިތުރުން ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގުޅިގެން އިންތިޒާމުކުރާ މި މުބާރާތުގެ މެޗުތައް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އެންމެ ވަރުގަދަކަމަށް ގިނަ ބަޔަކު ފާހަގަކުރާ އެއް ގްރޫޕަކީ ގްރޫޕް އޭ އެވެ. ގްރޫޕް އޭ ގައި މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު ރަސްމާދޫ އާއި ހުޅުދުއްފާރު ހިމެނޭ އިރު މުބާރާތުގައި ވާދަކުރާ ރަށްތަކުގެ ތެރެއިން އެންމެ އާބާދީ މަދު ދެ ރަށް ކަމަށްވާ ރަސްގެތީމާއިމ އަނގޮޅިތީމު ވެސް އޮތީ މި ގްރޫޕްގަ އެވެ. ކަން އެހެން އޮތަސް އެ ދެޓީމުން މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކަށް ބަލާއިރު ރަސްގެތީމާއި، އަނގޮޅިތީމުންވެސް މުބާރާތުގައި ރަގަޅު ވާދައެއް ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރ. އަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެއް ކުޅިވަރު އީދުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން އަންނަ ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖުގެ މެޗުތައް ރަސްމާދޫގައި ފަށަން ކުޑަތަންވަމުން އަންނައިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތައްޔާރީތަކާ ގުޅޭ ވާހަކަތައް މި ނޫހުގެ ފަރާތުން މި އަންނަނީ ގެނެސްދެމުންނެވެ. މި އާޓިކަލްގައި މި ބަލާލަނީ ގްރޫޕް އޭގައި ހިމެނޭ ރަސްގެތީމާއި، އަނގޮޅިތީމުގެ ތައްޔާރީތަކަށެވެ.

އަލަށް ވާދަކުރިއަސް އަނގޮޅިތީމު ބޮޑު އިތުބާރެއްގައި

މިއީ އަނގޮޅިތީމުން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. އަނގޮޅިތީމުގެ ނަން ފުޓްބޯޅަ އާއި ފުޓްސަލްގައި މިފަހަކަށް އައިސް ފަނޑުވެފައި އޮތަސް އެ ޓީމަކީ މީގެ އަހަރުތަކެއް ކުރިން އަތޮޅުގެ އެހެން ޓީމުތަކުން ޖެހިލުންވާ ވަރުގެ ކުޅުމެއް ދެއްކި ޓީމެކެވެ. މިފަހަރުގެ ވެޓަރަންސް މުބާރާތުގައި އަނގޮޅިތީމުން ބައިވެރިވާ ޓީމުގައި ރ، އަތޮޅުގެ ކުރީގެ ގަދަ ބާރަކަށް އެރަށް ހަދައިދިން ޓީމުގައި ހިމެނުނު ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ.

"އަނގޮޅިތީމުން މުބާރާތުގައި ރަނގަޅު ފައިޓެއް ދޭނެ. މި ޓީމުގައި މި ތިބީ ރ. އަތޮޅުގެ ޓީމުތައް މީގެ ދިހަ ވަރަކަށް ފަނަރަ ވަރަކަށް އަހަރު ކުރިން ސިއްސުވާލި އަނގޮޅިތީމު ޓީމުގައި ހިމެނުނު ތަރިން. މި މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތަކުގަ ވެސް ތިބޭނީ މި ކުޅުންތެރިންނާ ދެކޮޅަށް އޭރު ކުޅުނު ކުޅުންތެރިން. އެހެންވީމަ މި ޓީމަށް ތަށްޓާ ހަމައަށް ވެސް ނުދެވޭންވީ ސަބަބެއް ނެތް." އަނގޮޅިތީމުން މުބާރާތާ ދޭތެރޭ ކުރާ އުންމީދުތަކާ ގުޅޭގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން އެ ޓީމުގެ މެނޭޖަރު އަލީ ހަމީދު (ގިޓާ) ބުނެފައިވެ އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަނގޮޅިތީމުން ވަނީ މިހާތަނަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. މުބާރާތަށް އަނގޮޅިތީމުން ފަރިތަކުރަމުން އަންނަތާ މަހެއްހާ ދުވަސް ވެފައިވާއިރު އެ ޓީމުން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް މަގާމު ހޯދި ހުޅުދުއްފާރު އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެ ޓީމުން ވަނީ ރަސްގެތީމާ ކުޅެ އެއްވަރުކޮށްފަ އެވެ.

މުބާރާތުގައި ބައިވެރިވާ އެހެން ގިނަ ޓީމުތަކެކޭ އެއްގޮތަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އަނގޮޅިތީމު ޓީމުން ވެސް ވަނީ ބުނެފަ އެވެ.

"ވަރަށް ބޮޑު ތަރުހީބެއް ރަށުގެ ރައްޔިތުންގެ ފަރާތުން ޓީމަށް ލިބެމުން އަންނަނީ. މިހާރުވެސް ޓީމުގެ ސަޔާއި، ކެއުން ފަދަ ކަންކަން ހެޔޮ އެދޭ ފަރާތްތަކުން ހަމަޖައްސައިދެމުން އަންނަނީ." އަނގޮޅިތީމުގެ މެނޭޖަރު ގިޓާ ބުނެފައިވެ އެވެ.

އެކުވެރިކަމުގެ މެޗުތަކާއެކު ރަސްގެތީމު ރަގަޅު ހާލަތަކަށް

އަނގޮޅިތީމާއި އެންމެ ކައިރީގައި އޮންނަ ރަސްގެތީމުންވެސް ވަނީ މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ދުރާލާ ފަށައިފަ އެވެ. މިހާތަނަށް ރަސްގެތީމުންވެސް އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވާ އިރު އަނގޮޅިތީމާއެކު ކުޅެ އެއްވަރު ވި މެޗުގެ އިރުރުން އެ ޓީމުންވަނީ މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ އުނގޫފާރާއެކު މެޗެއް ކުޅެފަ އެވެ. އެ މެޗުން ރަސްގެތީމު ބަލިވި ނަމަވެސް މުބާރާތަށް ދިއުމުގެ ކުރިން ޓީމުގައި ރަގަޅު ކުރަންޖެހޭ މުހިންމު ކަންކަން ފާހަގަކުރުމުގެ ފުރުސަތު އެ މެޗުން ލިބުނު ކަމަށް އެ ޓީމުން ބުނެ އެވެ.

"އަޅުގަނޑުމެންގެ ޓީމުން މިވަގުތު އެންމެ ބޮޑު އިސްކަމެއް މިދެނީ ޓީމުގެ އެޓޭކް ވަރުގަދަ ކުރަން. އުނގޫފާރާ އެކު ކުޅުނު މެޗުން ފާހަގަވި ކަންކަމުގެ އަލީގަ މުބާރާތް ފެށެންވާއިރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރެވޭނެ ކަމަށް މި އުންމީދު ކުރަނީ." ރަސްގެތީމު ޓީމު މުބާރާތަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން "ފަހުމިނެޓް" އާ ވާހަކަދައްކަމުން އެ ޓީމުގެ މެނޭޖަރު މުހައްމަދު އަލީ ބުނެފައިވެ އެވެ.

މުހައްމަދު ބުނިގޮތުގައި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ދެ ޓީމާ އެއް ގްރޫޕެއްގައި ލައްވާލުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި، އެހެން ވިޔަސް ރަސްގެތީމު ޓީމުން ރަނގަޅު ނަތީޖާތަކެއް މިފަހަރު ނެރޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ކުރީ ފަހަރު ނުކުޓް ޓީމަށްވުރެ މިފަހަރުގެ ޓީމު ވަރުގަދަވާނެ. މުބާރާތަށް ތައްޔާރުވާންވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެހެންވީމަ ވަރަށް އުންމީދުކުރެވޭ ރަގަޅު ނަތީޖާތަކެއް ޓީމުން ނެރޭނެ ކަމަށް." ރަސްގެތީމު ޓީމުގެ މެނޭޖަރު މުހައްމަދު ބުނެފައިވެ އެވެ.

ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖުގައި އަނގޮޅިތީމުން ކުޅޭ ފުރަތަމަ މެޗުގައި ޗެމްޕިއަން ރަސްމާދޫ އާ މާދަމާ ހަވީރު ވާދަކުރާއިރު ރަސްގެތީމުގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ނުކުންނާނީ ހުޅުދުއްފާރާ ދެކޮޅަށެވެ.

 

 

 

 

 

 

 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Predict
Settings