ށ. ގޮއިދޫގައި ކުރިއަށްދާ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ބަށި މުބާރާތުގެ ފައިނަލް މިއަދު ހަވީރު ކުޅެން ތައްޔާރުވެއްޖެ އެވެ.
ޖުމްލަ ހަތަރު ޓީމަކުން ވާދަކުރި މި މުބާރާތުގެ ފައިނަލްގައި ވާދަކުރަނީ ގްރީން ވިންގްސް އާއި އަޒުމް އެވެ. ގްރީން ވިންގްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މިހާތަނަށް މުބާރާތުގައި އެ ޓީމު ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އަޒުމް މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ގްރީން ވިންގްސް އަތުން ބަލިވެފައިވަނީ 1 ލަނޑު 3 ފޯލީގެ ތަފާތުންނެވެ.
މުބާރާތުގައި ގްރީން ވިންގްސް އިން ކުޅުނު ތިން މެޗުގައި ޖުމްލަ 53 ލަނޑު ހަދާފައިވާއިރު އަޒުމްއަށް އެ ޓީމު ކުޅުނު ތިން މެޗުގައި ހެދިފައިވަނީ ޖުމްލަ 45 ލަނޑެވެ. މި މުބާރާތުގައި ގްރީން ވިންގްސް އިން މިހާތަނަށް އެންމެ ރަގަޅު ކުޅުމެއް ދައްކާފައިވަނީ އާމިނަތު ފަރުޒާނާ އެވެ. ފަރުޒާނާ ވަނީ މި މުބާރާތުގައި ގްރީން ވިންގްސް އިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
މި މުބާރާތުގައި އަޒުމްއިން އެންމެ ރަގަޅު ކުޅުމެއް މިހާތަނަށް ދައްކާފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ ސޮފޫރާ އަބްދުލްހަކީމެވެ. ސޮފޫރާ ވަނީ މި މުބާރާތުގައި އަޒުމް ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު ކާމިޔާބުކުރި ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
ގްރީން ވިންގްސް އާއި އަޒުމް ވާދަކުރާ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 4:15 ގަ އެވެ.