ކްލަބް މޯލްޑިވްސް އިން އަމިއްލަ ކުންފުނި އަދި އޮފީސްތަކަށް ހުޅުވާލައިގެން މިދިޔަ އަހަރު ބާއްވަން ފެށި ސެކްޓާ ލީގު ފުޓްސަލް މުބާރާތުގައި މިއަހަރު 18 ޓީމަކުން މިހާތަނަށް ބައިވެރިވެއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށްގެންދިޔަ ފުރަތަމަ ސެކްޓާ ލީގު މުބާރާތުގައި ޓީމުތަކުން ބައިވެރިވި މިންވަރަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވީ 15 ޓީމެވެ. ތިން ގްރޫޕަކަށް ޓީމުތައް ބަހާލައިގެން ކުރިއަށްގެންދިޔަ އެ މުބާރާތަކީ ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެރިވާ އޮފީސްތަކާއި، ކުންފުނިތަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 37 މެޗު ކުޅެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 30 މެޗާއި، ކުއާޓާ ފައިނަލުން ފެށިގެން ފައިނަލާ ހަމައަށް ކުޅުނު ހަތް މެޗެވެ. ސެކްޓާ ލީގު ފުރަތަމަ މުބާރާތުގެ ތަށި އެރީނާ ހޮޓެލްސްއިން އުފުލާލިއިރު ރަނަރަޕް މަގާމު ލިބުނީ ދި ހޯކްސް އަށެވެ.
ސެކްޓާ ލީގަކީ ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ފުޓްސަލް ސީޒަންގައި ކުރިއަށްގެންދާ ހަތް މުބާރާތުގެ ތެރެއިން އެންމެ ފަހުން ބާއްވަން ހަމަޖައްސާފައިވާ މުބާރާތެވެ. މި މަހުގެ 22 ވަނަ ދުވަހު ފަށާގޮތަށް މިހާރު ތާވަލުފައިވާ ފުޓްސަލް ސީޒަން ނިންމާ މުބާރާތުގެ ގޮތުގައި ސެކްޓާ ލީގު ހަމަޖައްސާފައިވާއިރު މި މުބާރާތް މިފަހަރު ކުރިއަށްގެންދާ ގޮޔަށް ހަމަޖައްސާފައިވަނީ ޖުލައި 21 އިން އޯގަސްޓް 17 އަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައި އޮތް ކަމަށް ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ކްލަބް މޯލްޑިވްސް ސީޒަންވެސް ފަށާނީ ކިންގްސް ކަޕުންނެވެ. ކިންގްސް ކަޕާއި ސެކްޓާ ލީގުގެ އިތުރުން މިފަހަރުގެ ސީޒަންގައި ވެސް މިދިޔަ އަހަރު ކްލަބް މޯލްޑިވްސްއިން ބޭއްވި ހުރިހާ މުބާރާތެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން އެކަޑަމީތަކަށް އަމާޒުކޮށްގެން ކިޑްސަލްގެ ނަމުގައި މުޅިން އަލަށް ފުޓްސަލް މުބާރާތެއް މިއަހަރު ކުރިއަށްގެންދަން ކްލަބް މޯލްޑިވްސް އިން ވަނީ ހަމަޖައްސާފަ އެވެ.
ކްލަބް މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ދިގު މުއްދަތެއް ވަންދެން ފުޓްސަލް މުބާރާތެއް މެދު ނުކެނޑި ބާއްވަމުން އައިސްފައިވާ ފަރާތެވެ. ކްލަބް މޯލްޑިވްސް އިން އެންމެ ފުރަތަމަ ބާއްވަން ފެށި ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް ބާއްވަމުން އަންނަތާ މިހާރު 21 އަހަރު ވަނީ ވެފަ އެވެ.
