ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ރެކޯޑް މޮޅަކާ އެކު މާޒިޔާ ޖޫނިއާސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
މާޒިޔާ އިން މިއަދު ވަނީ މުބާރާތް ބާއްވާ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް 13-0 އިން ބަލިކޮށްފަ އެވެ. މިއީ މި މުބާރާތުގެ ތާރީހުގައި މިހާތަނަށް ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މެޗުގައި މާޒިޔާގެ އައިދު މުހައްމަދު ޖަވާޒް ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނޫފް އަބްދުﷲ އާއި ނާޝިއު އަހުމަދު ޝިހާމްގެ އިތުރުން އަހުމަދު އައިހަމް އަދި ނައްސާހް އިބްރާހީމް ނާސިރު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން އެޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އައިދަން އަހުމަދު މޫސާ އެވެ.
މާޒިޔާ ވަނީ ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ޖިބިއްލީ ސްޕޯޓްސް ކްލަބާއި އަލިފުށި ރެކްރިއޭޝަން ކްލަބަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޖިބިއްލީ އާއި އަލިފުށި ވާދަކުރާ ފޯރިގަދަ މެޗު ކުޅޭނީ މިރެ އެވެ. އެ މެޗުން މޮޅުވެގެން ނޫން ގޮތަކަށް އަލިފުއްޓަށް ސެމީ ފައިނަލުގެ ޖާގައެއް ނުލިބޭނެ އެވެ.
ގްރޫޕް އޭއިން ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ކެނދިކުޅުދޫ އެވެ.
https://fahuminet.com/tournaments/the-mangrove-island-championship-2026
ގްރޫޕް ބީ އިން ސެމީ ފައިނަލް ކަށަވަރުކޮށްފައިވަނީ އެއް ވަނައިގައި ނިންމާލީ ނައިފަރު ޗެލްސީ އާއި ދެ ވަނަ ލިބުނު އެފްސީ މާފަރެވެ.
މިރޭގެ މެޗަށް ފަހު ސެމީ ފައިނަލުގައި ވާދަކުރާ ޓީމުތައް ޔަގީންވާނެ އެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޭޕްރީލް 27 ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 30 ވަނަ ދުވަހު އެވެ.
