މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް 2025 ގައި، އެޗްޑީސީއަށް ކުޅޭ ޕޯޗުގަލްގެ ރިކާޑީނިއޯ ގަދަ 16 ގެ މެޗުގައި ސްޓެލްކޯއާ ދެކޮޅަށް މިރޭ ނުކުންނާނެއެވެ.
އުމުރުން 40 އަހަރުގެ ރިކާޑީނިއޯ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އެވެ. އޭނާ ވާނީ ޕޯޗުގަލްއާ އެކު 2021 ވަނަ އަހަރު ފުޓްސަލް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވެ އެވެ. އެއީ 2010، 2014،2015،2016،2017 އަދި 2018 ވަނަ އަހަރެވެ.
މިއަހަރުގެ ކްލަބް މޯލްޑިވްސްގައި ރިކާޑީނިއޯ އެޗްޑީސީ ޓީމުން ފެނުން ވެގެންދިޔައީ ރާއްޖޭގެ ފުޓްސަލްއަށް ލިބުނު ބޮޑު ކުރިއެރުމަކަށެވެ. ރިކާޑީނިއޯ ރާއްޖެ އައި ހިސާބުން އޭނާ އެޗްޑީސީ ޓީމަށް ކުޅުނު އެކުވެރިކަމުގެ މެޗުތައް ބަލަން ވެސް އެތައް ބަޔަކު ދިޔަ އެވެ.
ރިކާޑީނިއޯ ހިމެނުނު އެޗްޑީސީ ޓީމު ވަނީ ގްރޫޕުގެ އެއްވަނަ ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި ސްޓެލްކޯއާ ވާދަކޮށް 1-2 އިން މޮޅުވިއިރު ދެވަނަ މެޗުގައި އެމްޓީސީސީއާ ވާދަކޮށް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ނޮކައުޓް ބުރުގައި ރިކާޑީނިއޯގެ އެޗްޑީސީ ގްރޫޕް ސްޓޭޖުގައި ވާދަކުރި ސްޓެލްކޯއާ ދެކޮޅަށް ވާދަކުރާ މެޗަކީ މުބާރާތުގައި މިހާތަނަށް ކުޅޭނެ އެންމެ ވާދަވެރި މެޗަށް ވާނެ އެވެ. ދެޓީމުގައި ވެސް މަޝްހޫރު ވަރުގަދަ ކުޅުންތެރިން ތިބިއިރު ކޮންމެވެސް އެއް ޓީމެއް މިރޭ މުބާރާތުން ކަޓާނެއެވެ.
ކްލަބް މޯލްޑިވްސް ގަދަ 16 ގެ މެޗުތައް މިރޭ ފަށާއިރު، މިރޭ ޖުމްލަ ހަތަރު މެޗު ކުޅޭނެއެވެ. ރޭގަނޑު 8:30 ގައި ކުޅޭ އެއް މެޗުގައި ވާދަކުރާނީ އެމްއޭސީއެލް އާއި ކްލަބް ޓީޓީއެސް އެވެ. އެގަޑީގައި ކުޅޭ އަނެއް މެޗުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާ ދެކޮޅަށް ނުކުންނާނީ ބީއެމްއެލް އެވެ.
އެޗްޑީސީ އާއި ސްޓެލްކޯ ވާދަކުރާ ފޯރިގަދަ މެޗު ފަށާނީ 10:15 ގަ އެވެ. އެގަޑީގައި ކުޅޭ އަނެއް މެޗުގައި މޯލްޑިވިއަން އާއި ދިރާގު ވާދަކުރާނެއެވެ.
ކްލަބް މޯލްޑިވްސްގައި މިއަހަރު 24 ޓީމު ބައިވެރިވިއެވެ. އެކަމަކު ފަހު ވަގުތު އުރީދޫ މުބާރާތުން ވަކިވުމުން ގްރޫޕް ސްޓޭޖުގައި ކުޅުނީ 23 ޓީމެވެ.
މިދިޔަ ދެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް ވެމްކޯ އެވެ.