ސްޕެނިޝް ލީގުގައި މޮޅެއް ނުލިބި ހަތަރު މެޗު ނިންމާލަން ޖެހުނު ބާސެލޯނާ އިން ރޭ ލީގުގައި ވެލެންސިއާ 7-1 އިން ބަލިކޮށްފި އެވެ.
ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބުމުން ޓީމަށް ބަދަލެއް ގެންނާނެ ކަމުގެ އިޝާރާތެއް ކޯޗު ހަންސީ ފްލިކް ދިނެވެ. ރޭ ކޯޗު ވަނީ އެޓީމުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބެންޗުކޮށްފަ އެވެ. ބަދަލުގައި އެ މަގާމް އަދާކުރަން ފުރަތަމަ އެގާރައިގައި ހިމެނީ ފެރާން ޓޮރޭޒް އެވެ.
މެޗުގައި ބާސެލޯނާ އިން ފުރަތަމަ ހާފުގައި ފަސް ގޯލު ޖެހި އެވެ. އެޓީމުގެ ގޯލުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ފްރޭންކި ޑި ޔޮން އާއި ފެރާން ޓޮރޭޒްގެ އިތުރުން ރަފީނިއާ އަދި ފާމިން ލޮޕޭޒް އެވެ. ލޮޕޭޒް ވަނީ ދެ ގޯލު ޖަހައި އިތުރު ދެ ގޯލު ޖަހަން އެހީތެރިވެފަ އެވެ.
ބާސެލޯނާގެ ފަހު ދެ ގޯލުގެ ތެރެއިން އެއް ގޯލު ޖެހީ ބެންޗުން ކުޅެން އެރި ލެވަންޑޯސްކީ އެވެ. މިއީ މިފަހަރުގެ ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. ބާސެލޯނާގެ ހަތް ވަނަ ލަނޑަކީ ވެލެންސިއާގެ ސެސާ ޓަރެގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ވެލެންސިއާގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ޖެހީ ހޫގޯ ޑޫރޯ އެވެ.
ހަތް ގޯލުން މީގެކުރިން ބާސެލޯނާ މޮޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. ރެއާލް ވަޔަޑޮލިޑް އަތުން ލީގުގައި އެފަހަރު މޮޅުވީ 0-7 އިންނެވެ.
ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން ކުޅުނު 32 މެޗުގައި ވަނީ 100 ގޯލު ޖަހައިފަ އެވެ. މިއީ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އެންމެ މަދު މެޗާ އެކު އެޓީމުން 100 ގޯލު ހަމަކުރީ 1959 ވަނަ އަހަރު ހެލޭނިއޯ ހެރޭރާގެ ކޯޗުކަމުގަ އެވެ. އެފަހަރު އެ އަދަދަށް ގޯލު ޖެހީ 31 މެޗުންނެވެ. ރޭގެ ކާމިޔާބީއާ އެކު ފްލިކް އޮތީ އެ ރެކޯޑުގެ ދެ ވަނައިގަ އެވެ.
މޮޅާއެކު ބާސެލޯނާ އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ ބާސެލޯނާ އަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މި ސީޒަނުގައި ހާލުގައި އުޅޭ ވެލެންސިއާ އޮތީ ރެލިގޭޝަނުގެ ބިރު އޮތް 19 ވަނައިގަ އެވެ.