ފުރަތަމަ ސަފްޙާ / ޚަބަރު / ސިމިއޯނީގެ 100 ވަނަ މެޗަށް ދެރަ ނިމުމެއް

ސިމިއޯނީގެ 100 ވަނަ މެޗަށް ދެރަ ނިމުމެއް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 21 ފެބްރުއަރީ 2024

ކޯޗެއްގެ ގޮތުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިރުޝާދުދިން 100 ވަނަ މެޗުގައި ޑިއޭގޯ ސިމިއޯނީގެ އެތުލެޓިކޯ މެޑްރިޑް ރޭ ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ރަށުން ބޭރުގައި އިންޓަ މިލާންއާ ވާދަކޮށް އެތުލެޓިކޯ ބަލިވީ 0-1 އިންނެވެ.

ސިމިއޯނީ އެތުލެޓިކޯ މެޑްރިޑްގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. މިދިޔަ މުއްދަތުގައި ޗެމްޕިއަންސް ލީގުގެ ދެ ފައިނަލުގައި ކުޅެ އެތުލެޓިކޯ ވަނީ ބަލިވެފަ އެވެ. އެ ދެފަހަރު ވެސް އެތުލެޓިކޯ ފައިނަލުގައި ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކޯ އަނާޓޮވިޗް އެވެ. އޮސްޓްރިއާގެ އަނާޓޮވިޗް އަކީ ކުރިން އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑާއި ސްޓޯކް ސިޓީ އަށް ކުޅުނު ކުޅުންތެރިއެކެވެ.

މެޗުގައި އެތުލެޓިކޯ އަށް ވުރެ މޮޅަށް ކުޅެ ގިނަ ހަމަލާ އުފެއްދީ އިންޓަ އިންނެވެ. އިންޓަ އިން އެތުލެޓިކޯ ކޮޅަށް 19 ހަމަލާ އުފެއްދިއިރު އެތުލެޓިކޯ އަށް އުފެއްދުނީ ހަތް ހަމަލާ އެވެ.

ގޯލު ޖެހި އަނާޓޮވިޗް ކުޅެން އެރީ ފުރަތަމަ ހާފުގައި އިންޓަގެ މާކަސް ތުރަމް އަށް އަނިޔާވުމުންނެވެ. ގޯލު ޖެހި ފުރުސަތުގެ އިތުރުން ވެސް އަނާޓޮވިޗަށް އިތުރު ފުރުސަތުތައް ލިބުނެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ނެދަލެންޑްސްގެ ޕީއެސްވީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ގޯލު ޖެހީ ޑޯޓްމަންޓް އިންނެވެ. އެޓީމަށް 24 ވަނަ މިނެޓުގައި ގޯލު ކާމިޔާބުކޮށްދިނީ ޑޮންޔެން މަލެން އެވެ. ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޕީއެސްވީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކް ޑި ޔޮން އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!