ފުރަތަމަ ސަފްޙާ / ޚަބަރު / ސެމީ ފައިނަލުގެ ފަހު ޖާގަ ޓެންޓް ސްޕޯޓްސް އަށް

ސެމީ ފައިނަލުގެ ފަހު ޖާގަ ޓެންޓް ސްޕޯޓްސް އަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 8 ފެބްރުއަރީ 2024

މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ޓެންޓް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ޓެންޓް ސްޕޯޓްސް ސެމީގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި 1-3 އިން ލެގޫންސް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ޓެންޓް ސްޕޯޓްސް އިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ހަތް ވަނަ މިނެޓާއި 21 ވަނަ މިނެޓުގައި އެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަލީ އިހުސާން އެވެ. ޓެންޓް ސްޕޯޓްސްގެ ތިން ވަނަ ގޯލު 41 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރިލްވާން އެވެ.

ލެގޫންސްގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ އަޝްހަދު އަލީ އެވެ.

މޮޅާ އެކު ޓެންޓް ސްޕޯޓްސް ސެމީ ފައިނަލުގައި ވާދަކުރާނީ މަސް އޮޑި ސްޕޯޓްސް ކްލަބާ އެވެ. އެ މެޗުން މޮޅުވެ ފައިނަލަށް ދާ ޓީމަކަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

ޓެންޓް ސްޕޯޓްސް އާއި މަސް އޮޑި ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު އެވެ.

ދެ ވަނަ ސެމީގައި ވާދަކުރާނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.

ނިއު އަށް ސެމީގެ ޖާގަ ލިބުނީ 0-8 އިން ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ކުއާޓާ ފައިނަލުގައި ވިކްޓްރީ ވަނީ ކުޑަ ހެންވޭރު ޔުނައިޓެޑް 1-3 އިން ބަލިކޮށްފަ އެވެ.

ވިކްޓްރީ އާއި ކުޑަ ހެންވޭރު މެޗު ވަނީ ހަމަނުޖެހުން ބޮޑު 81 ވަނަ މިނެޓުގައި ހުއްޓާލާފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު އެފްއޭއެމް އިން މިއަދު ނިންމީ މެޗުގެ ބާކީ 9 މިނެޓު ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށެވެ. އެކަމަކު ކުޑަ ހެންވޭރުން މެޗު ނުކުޅޭނެކަން އެފްއޭއެމް އަށް އެންގުމުން ވިކްޓްރީ އަށް މެޗު ލިބުނީ އެވެ.

ނިއު އާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!