ފުރަތަމަ ސަފްޙާ / ޚަބަރު / ހަމަނުޖެހުން ހިނގައި ވިކްޓްރީ މެޗު ހުއްޓާލަން ޖެހިއްޖެ

ހަމަނުޖެހުން ހިނގައި ވިކްޓްރީ މެޗު ހުއްޓާލަން ޖެހިއްޖެ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 7 ފެބްރުއަރީ 2024

އެމްޕީއެލް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރު ޔުނައިޓެޑް ކުޅުނު މެޗު ނިމެން ދަނިކޮށް ހިނގި ހަމަނުޖެހުމެއްގައި މެޗު ނުކުޅެ ހުއްޓާލައިފި އެވެ.

މެޗު ހުއްޓާލީ ވިކްޓްރީގެ ބިދޭސީ ކުޅުންތެރިއަކާއި ކުޑަ ހެންވޭރު ކުޅުންތެރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި 81 ވަނަ މިނެޓުގަ އެވެ. އޭރު 1-3 އިން ކުރީގައި އޮތީ ވިކްޓްރީ އެވެ.

ފައުލަކާއި ގުޅިގެން ދެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ހަމަނުޖެހުން ހޫނުވީ ބެންޗުންނާއި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ. ހަމަނުޖެހުމުގެ ތެރެއިން ބައެއް މީހުންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތައް ވެސް ވި އެވެ. އެކަމަކު ގާތްގަނޑަކަށް ދެ މިނެޓެއްހާއިރުގެ ހަމަނުޖެހުން ފުލުހުން ވަނީ ހުއްޓުވައިފަ އެވެ.

މެޗު ތެރެއިން ވެސް ކުޑަ ހެންވޭރުން ދިޔައީ ރެފްރީގެ ނިންމުންތަކާއި މެދު ނުރުހުން ފާޅުކުރަމުންނެވެ.

މެޗު ހުއްޓާލުމުން ދެ ޓީމުގެ ބައެއް ކުޅުންތެރިން ގާތްގަނޑަކަށް ބައިގަޑިއިރެއްހާއިރު ދަނޑުމަތީގައި ތިއްބެވެ. އޭގެފަހުން ރެފްރީން ނިންމީ މެޗު ކުޅޭނެ ހާލަތު ތަންނުދޭދީ ކުރިއަށް ނުގެންދިއުމަށެވެ. މެޗާ މެދު ގޮތް ނިންމާނީ މުބާރާތުގެ ކޮމިޓީ އިންނެވެ.

މެޗުން ވިކްޓްރީ މޮޅުވި ކަމަށް ނިންމައިފި ނަމަ އެ ޓީމު ސެމީގައި ޖެހޭނީ ނިއު ރޭޑިއަންޓާ އެވެ. ހޯމަ ދުވަހު ކުޅޭ އެ މެޗުން މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ.

މިއަދުގެ މެޗުގެ ކުރީކޮޅު ވިކްޓްރީ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެޓީމުގެ ފުރަތަމަ ދެ ގޯލު ޖެހީ މުހައްމަދު އުމެއިރު އާއި ބިދޭސީ ކުޅުންތެރިޔާ ފާރޫކް ހައިދަރޯފް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަ ހެންވޭރަށް ފަރަގު ކުޑަކޮށްދިނީ އަލީ ޝަމާލް އަބްދުﷲ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ވިކްޓްރީގެ ތިން ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖެހީ ބިދޭސީ މިޑްފީލްޑަރު އަނަޓޮލީ ވަލްޝީޗޭފް އެވެ.

ކުއާޓާ ފައިނަލުން ވިކްޓްރީ ފުރުސަތު ހޯދީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވިއިރު އަނެއް މެޗު ވިކްޓްރީ އަށް ލިބުނީ ބިސް ބުރު ދަނޑަށް ހާޒިރުނުވުމުންނެވެ.

ގްރޫޕް ސްޓޭޖުގައި ކްލަބް ޕީކޭ އަތުން ވިކްޓްރީ މޮޅުވީ 0-3 އިންނެވެ. ލެގޫންސް ސްޕޯޓްސް ކްލަބާ ވާދަކޮށް 4-1 އިން މޮޅުވިއިރު ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލިކުރީ 0-8 އިންނެވެ.

ކުއާޓާ ފައިނަލުގެ ފަހު މެޗު އޮންނާނީ މާދަމާ އެވެ. އެ މެޗުގައި ވާދަކުރާނީ ޓެންޓް ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބެވެ. އެތަނުން މޮޅުވާ ޓީމެއް ސެމީގައި ވާދަކުރާނީ މަސް އޮޑި ސްޕޯޓްސް ކްލަބާ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!