ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ނިއު ރޭޑިއަންޓް ސެމީ ފައިނަލަށް

އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ނިއު ރޭޑިއަންޓް ސެމީ ފައިނަލަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 6 ފެބްރުއަރީ 2024

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހަވީރު ކްލަބް ޕީކޭ 0-8 ގެ ބޮޑު ތަފާތަކުން ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ނިއު ވާދަކުރަން ޖެހޭނީ މާދަމާ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކުޑަ ހެންވޭރު ސްޕޯޓްސް ކްލަބް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

މިފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ހޯދާ ދެ ޓީމަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ އެވެ. ސެމީގައި ނިއު އާއި ވިކްޓްރީ ވާދަކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ނިއު އާއި ވިކްޓްރީ ވެސް މިއަހަރުގެ ދެ ވަނަ ޑިވިޝަނަށް ތައްޔާރުވީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދުމަށް އަމާޒުހިފައިގެންނެވެ. އެކަމަކު މުބާރާތް ރޭވިފައިވާ ގޮތުން ވިކްޓްރީ ސެމީ ފައިނަލަށް ހޮވިއްޖެ ނަމަ އެތަނުން ކޮންމެވެސް އެއް ޓީމަކަށް ފުރަތަމަ ޑިވިޝަނުގެ ފުރުސަތު ގެއްލޭނެ އެވެ.

މިއަދު ކްލަބް ޕީކޭއާ ދެކޮޅަށް ނިއު އިން ފެށީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ 12 މިނެޓުގައި އެޓީމުން ދެ ގޯލު ޖެހި އެވެ. ފުރަތަމަ ހާފު ނިންމާލީ ހަ ގޯލު ޖަހައިގެންނެވެ. ނިއު ބާކީ ދެ ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އިއްޔެ މަސް އޮޑި ސްޕޯޓްސް ކްލަބް ވަނީ ބީޖީ ސްޕޯޓްސް ކްލަބް 0-5 އިން ބަލިކޮށްފަ އެވެ.

މިއަހަރުގެ ދެ ވަނަ ޑިވިޝަނުގައި ނިއު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކްލަބް ޓީނޭޖް ދަނޑަށް ހާޒިރުނުވުމުން ނިއު އަށް މެޗު ލިބުނީ އެވެ.

ދެ ވަނަ މެޗުގައި ދަ ގްރާންޑޭއާ ވާދަކޮށް ނިއު ވަނީ 0-3 އިން މޮޅުވެފަ އެވެ. އޭގެފަހުން ބީޖީ ސްޕޯޓްސް ކްލަބް 0-4 އިން ބަލިކުރި އެވެ. އަދި ޓެންޓް ސްޕޯޓްސް ކްލަބް އަތުން 1-3 އިން މޮޅުވި އެވެ.

މާދަމާ ކުޅޭ ވިކްޓްރީ މެޗަށް ފަހު ކުއާޓާ ފައިނަލުގެ ފަހު މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ މެޗުގައި ވާދަކުރާނީ ޓެންޓް ސްޕޯޓްސް ކްލަބާއި ލެގޫންސް ސްޕޯޓްސް ކްލަބެވެ. އެތަނުން މޮޅުވާ ޓީމެއް ސެމީގައި ވާދަކުރާނީ މަސް އޮޑި ސްޕޯޓްސް ކްލަބާ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!