ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އަށް މުހިއްމު މޮޅެއް، ޖިރޯނާ ފުރުސަތު ނަގާލައިފި

ބާސެލޯނާ އަށް މުހިއްމު މޮޅެއް، ޖިރޯނާ ފުރުސަތު ނަގާލައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 4 ފެބްރުއަރީ 2024

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ބާސެލޯނާ އިން ޑިޕޯޓިވޯ އަލަވެސް 3-1 އިން ބަލިކުރިއިރު އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްއާ ވާދަކޮށް ޖިރޯނާ 0-0 އިން އެއްވަރުވެއްޖެ އެވެ.

މޮޅާ އެކު ބާސެލޯނާ ވަނީ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް 23 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 57 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުން މޮޅުވެގެން ޖިރޯނާ އަށް ރެއާލް ފަހަތަށް ޖައްސާލެވުނީހެވެ. އެކަމަކު އަމިއްލަ ދަނޑުގައި ގޯލެއް ނުޖެހި އެއްވަރުވުމާ އެކު ޖިރޯނާ ދެ ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ.

ރޭ ބާސެލޯނާ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. އެޓީމަށް އެ ގޯލު ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި ޖެހީ އިލްކާއީ ގުންޑޮގާން އެވެ. އޭގެ މިނެޓެއް ފަހުން އަލަވެސް އިން ފަރަގު ކުޑަކުރި ގޯލު ޖެހި އެވެ. އެކަމަކު 63 ވަނަ މިނެޓުގައި ބާސެލޯނާގެ ވިކްޓަ ރޮކޫ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ބްރެޒިލަށް އުފަން 18 އަހަރުގެ ރޮކޫ ވަނީ ލީގުގައި މިދިޔަ ހަފްތާ އޮސަސޫނާ އަތުން މޮޅުވި މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. އެކަމަކު ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ގާތްގާތުގައި ހޯދި ދެ ކާޑާ އެކު ރޮކޫ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ ވަނީ އަމިއްލަ ދަނޑުގައި އަލްމީރިއާ 1-2 އިން ބަލިކޮށްފަ އެވެ. ގްރަނާޑާ އާއި ލަސް ޕަލްމާސް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!