ދަށް ކުޅުމަކާ އެކު ރޭ ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބާސެލޯނާ ބަލިވުމުން، އެޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވަރަށް ދެރަވެ ހުރެ ސަޕޯޓަރުންގެ ކިބައިން ތަކުރާރުކޮށް މާފަށް އެދެފި އެވެ.
ސައުދީ އަރަބިއާގައި ކުޅުނު ފައިނަލް ބާސެލޯނާއާ ވާދަވެރި ރެއާލް ކާމިޔާބުކުރީ 1-4 އިންނެވެ.
ރެއާލް ހޯދި ފުރިހަމަ މޮޅުގައި ވިނީޝިއުސް ޖޫނިއާ ހެޓްރިކް ހެދި އެވެ. ފުރަތަމަ ހާފުގައި ވިނީޝިއުސް ހެޓްރިކް ހެދިއިރު އޭނާ ތިން ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ދެ ވަނަ ހާފުގައި ރެއާލަށް ލީޑު ފުޅާކޮށްދިނީ ރޮޑްރީގޯ އެވެ. މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ ރޮބާޓް ލެވަންޑޮސްކީ އެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ބާސެލޯނާގެ ރޮނާލްޑް އަރޫހޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
“މިހެން ކުޅެން ފައިނަލަށް އަންނާނެ ކަމެއް ނެތް. ޑިފެންސުން ފެށިގެން ހައި ޕްރެސިންގަ ވެސް ޓީމު ފެނުނީ ވަރަށް ދަށްކޮށް. ދެ ގޯލު ފަހަތުގައި އޮވެގެން ފައިނަލް މެޗެއް ނުފެށޭނެ” ރެއާލުން މެޗުގެ ފުރަތަމަ 10 މިނެޓުގައި ޖެހި ދެ ގޯލަށް އިޝާރަތްކުރަމުން ޒަވީ ބުންޏެވެ.
ޒަވީ ބުނީ މެޗުގައި ރެއާލަށް ލިބުނު ޕެނަލްޓީ ދޭންޖެހޭ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.
“ދެވަނަ ހާފު ވެސް ފެނުނީ ދަށްކޮށް. ރެއާލްގެ ކައުންޓަ އެޓޭކުތައް ނުހުއްޓުވުނު. ހަމައެކަނި ބާސެލޯނާގެ ކޯޗުގެ ހައިސިއްޔަތަކުން ނޫން. ސަޕޯޓަރެއްގެ ހައިސިއްޔަތުން ވެސް އަހަރެން މިހުރީ ވަރަށް ދެރަވެފަ” މެޗުން ބަލިވުމުން މާޔޫސްވެފައި ހުރި ޒަވީ ބުންޏެވެ.
ޒަވީ ބުނީ މެޗުގައި ބާސެލޯނާ އިން ކުރަންޖެހޭ މުހިއްމު ފައުލްތަކެއް ނުކުރެވި ރެއާލުން އެކަމުގެ ފައިދާ ނެގި ކަމަށެވެ.
“އަހަރެން ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން. އެކަމަކު މި އަޑިގަނޑުން އަދި އަރައިގަންނާނަން” ސަޕޯޓަރުންނަށް ތަކުރާރުކޮށް މާފަށް އެދެމުން ޒަވީ ބުންޏެވެ.
ސްޕެނިޝް ސުޕަ ކަޕްގައި ވާދަކުރީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގުގެ ގަދަ ތިން ޓީމާއި މިދިޔަ ސީޒަނުގެ ކޮޕަ ޑެލް ރޭގެ ފައިނަލުގައި ވާދަކޮށް ބަލިވި އޮސަސޫނާ އެވެ.
ރެއާލް ސެމީ ފައިނަލަށް ދަތުރުކުރީ އެތުލެޓިކޯ މެޑްރިޑް 3-5 އިން ބަލިކޮށްގެންނެވެ. ބާސެލޯނާ ފައިނަލުގެ ޖާގަ ހޯދީ އޮސަސޫނާގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ.
ރޭގެ ކާމިޔާބީއާ އެކު ރެއާލް ވަނީ ސްޕެނިޝް ސުޕަ ކަޕްގެ 13 ވަނަ ތަށި ހަމަކޮށްފަ އެވެ. އެ މުބާރާތުގައި އެންމެ ކާމިޔާބީ 14 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އެވެ.