ފުރަތަމަ ސަފްޙާ / ޚަބަރު / ބަނގުރަލުގެ މައްސަލައިގައި ބަންގްލަދޭޝް ކުޅުންތެރިންނަށް އަދަބުދީފި

ބަނގުރަލުގެ މައްސަލައިގައި ބަންގްލަދޭޝް ކުޅުންތެރިންނަށް އަދަބުދީފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 14 އޮކްޓޫބަރު 2023

ގަވައިދާއި ހިލާފަށް ބަންގްލަދޭޝް އަށް ބަނގުރާ އެތެރެކުރަން އުޅުނު ކުޅުންތެރިންގެ މައްސަލަ ބަލައި ކްލަބާއި ގައުމީ ޓީމުން އެ ކުޅުންތެރިންނަށް އަދަބުދީފި އެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް ކުޅޭ ކުޅުންތެރިންގެ މައްސަލަ ފެންމަތިވީ، މިދިޔަ މަހުގެ 19 ވަނަ ދުވަހު އެޓީމު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗަށް ފަހު އެނބުރި ގައުމަށް ދިޔައިރު އެ ކުޅުންތެރިންގެ ލަގެޖުން ބަނގުރާ ފުޅިތަކެއް ފެނުމުންނެވެ.

އެ މައްސަލައިގައި ބަންގްލަދޭޝްގެ ފަސް ކުޅުންތެރިއެއްގެ ލަގެޖް ބެލިއިރު 60 ބަނގުރާ ފުޅި ފެނިފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ މައްސަލައިގައި އަދަބުދިން ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އަނީސުރް ރަހްމާން ޒިކޯ އާއި ގައުމީ ޓީމުގެ މުހިއްމު ޑިފެންޑަރު ޓޯޕޫ ބަރްމަން އާއި ޒުވާން ކުޅުންތެރިޔާ ޝެއިހް މޮރްސަލީން ހިމެނެ އެވެ. މައްސަލައިގައި ދެން ހިމެނޭ ރިމޮން ހުސައިން އާއި ތޯހިދުލް އަލަމް ސަބޫޖް އަކީ ގައުމީ ޓީމުގެ ކުޅުންތެރިންނެއް ނޫނެވެ.

އަދަބާ އެކު ގޯލްކީޕަރު އަނީސުރް ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ. ޓޯޕޫ ސަސްޕެންޑް ކުރީ މި އަހަރުގެ ނިޔަލަށެވެ. މޮރްސަލީން އާއި ހުސައިން ވަނީ ޖޫރިމަނާކޮށްފަ އެވެ. މައްސަލައިގައި ދެން ހިމެނޭ ސަބޫޖް ވަނީ މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަނުން ސަސްޕެންޑްކޮށްފަ އެވެ.

ބަޝުންދަރާ ކިންގްސް އާއި ގައުމީ ޓީމުން އެ ކުޅުންތެރިން ސަސްޕެންޑް ކުރުމުން މިދިޔަ ހަފްތާ ރާއްޖެއާ ދެކޮޅަށް ބަންގްލަދޭޝް އިން ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޮފް މެޗުގައި އެ ކުޅުންތެރިން ކުޅެފައެއްނުވެ އެވެ. އެކަމަކު ގައުމީ ޓީމުގެ މުހިއްމު ތިން ކުޅުންތެރިން ނުލައި ބަންގްލަދޭޝް އިން ވަނީ ރާއްޖެއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ބަންގްލަދޭޝްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ މެޗުގައި ވެސް ގައުމީ ޓީމުގައި ހިމެނޭ ބަޝުންދަރާގެ ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!