ފުރަތަމަ ސަފްޙާ / ޚަބަރު / ސާފް ޗެމްޕިއަންޝިޕްގެ ކުރިން ބަންގްލަދޭޝް އިން ވަރުގަދަ މެޗުތަކެއް ކުޅެނީ

ސާފް ޗެމްޕިއަންޝިޕްގެ ކުރިން ބަންގްލަދޭޝް އިން ވަރުގަދަ މެޗުތަކެއް ކުޅެނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 5 ސެޕްޓެމްބަރު 2021

އަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގްލަދޭޝް އިން ތިން ގައުމު ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

ބަންގްލަދޭޝް އިން ވާދަކުރަނީ އެގައުމުގެ އިތުރުން ކިރްގިސްތާނާއި ފަލަސްތީން ވާދަކުރާ ތުރީ ނޭޝަންސް ކަޕެއްގަ އެވެ. އެ މުބާރާތުގައި ވާދަކުރުމަށް ބަންގްލަދޭޝް މިހާރު ކިރްގިސްތާނުގެ ބިޝްކެކްއަށް ގޮސްފައިވާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމު މިއަދު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު ކުޅޭނީ މުބާރާތް ހޯސްޓްކުރާ ކިރްގިސްތާނާ އެވެ. އަދި އެ މުބާރާތަށް ފަހު މި މަހުގެ ނުވަ ވަނަ ދުވަހު ކިރްގިސްތާނުގެ 23 އަހަރުން ދަށުގެ ޓީމާ އެކު ބަންގްލަދޭޝް އިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅޭނެ އެވެ.

ތިން ގައުމު ވާދަކުރާ މުބާރާތަށް ބަންގްލަދޭޝް ދިޔައީ 23 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެޓީމުގެ ކޯޗަކީ އިނގިރޭސި ވިލާތައް ނިސްބަތްވާ ޖެމީ ޑޭ އެވެ. ޓީމުގެ ކެޕްޓަނަކީ މިޑްފީލްޑަރު ޖަމާލް ބުއިޔަން އެވެ.

މުބާރާތުގެ ކުރިން ބަންގްލަދޭޝް ވަރުގަދަ މެޗުތަކެއް ކުޅޭއިރު އެގައުމުގެ ބަޝުންދަރާ ކިންގްސް ވަނީ މިދިޔަ މަހު މާލޭގައި އޮތް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ. ގްރޫޕް ސްޓޭޖުން އެޓީމަށް ދެ ވަނަ ލިބުނުއިރު އިދިކޮޅު ޓީމުތަކާ ރަނގަޅު ވާދައެއްކުރި އެވެ. އެޓީމަށް އޭއެފްސީ ކަޕްގެ އަނެއް ބުރުން ފުރުސަތު ގެއްލުނީ ފަހު މެޗުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ އެއްވަރުވުމުންނެވެ. އެ މުބާރާތުގައި ބަޝުންދަރާގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނުއިރު، ބަންގްލަދޭޝަށް ނިސްބަތްވާ ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް އެޓީމުގެ ގޯލްކީޕަރު އަނީސުރު ރަހްމާންގެ ކުޅުން ފާހަގަކުރެވުނެވެ.

ސާފް ޗެމްޕިއަންޝިޕްގެ މިދިޔަ 12 މުބާރާތުގެ ތެރެއިން ބަންގްލަދޭޝް ވަނީ 2003 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދާފަ އެވެ. 1999 ވަނަ އަހަރާއި 2005 ވަނަ އަހަރުގެ ފައިނަލުން ބަލިވިއިރު 1995 ވަނަ އަހަރު އެގައުމަށް ލިބުނީ ތިން ވަނަ އެވެ. އެހެން ކާމިޔާބީތަކަށް ބަލާއިރު ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން 1999 ވަނަ އަހަރު ބަންގްލަދޭޝް ވަނީ ރަން މެޑަލް ހޯދައިފަ އެވެ.

މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކަށް ބަލާއިރު ނޭޕާލް އާއި އިންޑިއާ އިން އަންނަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެމުންނެވެ. މި މަހުގެ ދެ ވަނަ ދުވަހު ނޭޕާލްގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ދެޓީމުގެ ދެ ވަނަ މެޗު އޮންނާނީ މިއަދު ހަވީރު އެވެ.

13 ވަނަ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި އޮންނާނީ އަންނަ މަހުގެ 1 އިން 16 އަށެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ ރާއްޖެ، ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ އަދި އިންޑިއާ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖެ އެވެ. މިފަހަރުގެ މުބާރާތުގައި ބޫޓާން ބައިވެރިނުވަނީ ކޮވިޑާ ގުޅިގެން ދަތުރުފަތުރު ކުރުމުގެ ހުއްދަ އެގައުމަށް ނުލިބޭތީ އެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާނަށް ވާދަނުކުރެވޭއިރު، އެގައުމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފީފާގެ ސަސްޕެންޝަން އުވާލައި ސާފްގައި ވާދަކުރުމަށެވެ. އެކަމަކު ޕާކިސްތާން މިފަހަރުގެ މުބާރާތުގައި ބައިވެރިވުމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ކުޅޭނީ ރާއްޖެ އާއި ނޭޕާލް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!