ފުރަތަމަ ސަފްޙާ / ޚަބަރު / ބައިކޮޅަށް 41 ގޯލު ޖެހުމުން އުމުރަށް ސަސްޕެންޑް ކޮށްފި

ބައިކޮޅަށް 41 ގޯލު ޖެހުމުން އުމުރަށް ސަސްޕެންޑް ކޮށްފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 10 ޖޫން 2022

ސައުތު އެފްރިކާގެ ހަތަރު ވަނަ ޑިވިޝަނުގައި 41 ގޯލު ބައިކޮޅަށް ޖަހައި މެކްސް ފިކްސްކުރުމުން ހަތަރު ޓީމެއް ފުޓްބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި އެވެ.

އުމުރަށް ސަސްޕެންޑްކުރީ ސައުތު އެފްރިކާގެ ހަތަރު ވަނަ  ޑިވިޝަނުގައި ވާދަކުރި މަޓިޔާސީ އެފްސީ އާއި ޝިވުލާނީ ޑޭންޖަރަސް ޓައިގާސްގެ އިތުރުން ހެޕީ ބޯއީޒް އަދި ނަސާމީ މައިޓީ ބާޑްސް އެވެ.

ފަހު މެޗުތަކަށް ދިޔައިރު މި ޑިވިޝަނުގެ އެއް ވަނަ ޖާގަ ހޯދައި ޕްރޮމޯޓްވާން މަސައްކަތްކުރީ މަޓިޔާސީ އާއި ޓައިގާސް އެވެ. މި ދެޓީމު ކުޅުނު ފަހު މެޗުގައި، މަޓިޔާސީ އިން ވަނީ 1-59 އިން ނަސާމީ ބަލިކޮށްފަ އެވެ. އަނެއް މެޗުގައި ޓައިގާސް އިން ވަނީ 1-33 އިން ހެޕީ ބޯއީޒް ބަލިކޮށްފަ އެވެ. މޮޅުވި ދެ ޓީމުން ޖުމްލަ 92 ގޯލު ޖެހިއިރު އެތަނުން 41 ގޯލު އިދިކޮޅު ޓީމުތަކުން ޖެހީ ބައިކޮޅަށެވެ.

ދެ މެޗުގެ ނަތީޖާ ތަހްގީގް ކުރުމަށްފަހު ސައުތު އެފްރިކާގެ ހަތަރު ވަނަ ޑިވިޝަން ހިންގުމުގައި އިސްކޮށް އުޅޭ ވިންސެންޓް ބުނީ، މެޗަށް ނުކުތްއިރު ތިން ޕޮއިންޓާއި ފައިދާ 16 ގޯލުގެ ފަރަގެއްގައި ޓައިގާސް އެއް ވަނައިގައި އޮތުމުން މަޓިޔާސީ އާއި ނަސާމީ މަސައްކަތްކުރީ މެޗު ފިކްސްކޮށްގެން ނަތީޖާގެ ފަރަގު ބޮޑުކުރުމަށް ކަމަށެވެ.

މަޓިޔާސީ އާއި ނަސާމީ ވާދަކުރި މެޗުގެ ފުރަތަމަ ނިމުނީ 00-22 އިންނެވެ. އެ މެޗުގައި ބޮޑު ތަފާތެއް ފެނުމުން ޓައިގާސް ޓީމާ ދެކޮޅަށް ކުޅުނު ހެޕީ ބޯއީޒް ޓީމުގެ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިން ވަނީ މާބޮޑަށް ވަރުބަލިކަމަށް ބުނެ ދެ ވަނަ ހާފުގައި ދަނޑަށް އަރަން ދެކޮޅު ހަދައިފަ އެވެ. އެ މެޗުގެ ބާކީ ބައިގައި ޓައިގާސް ޓީމާ ދެކޮޅަށް ކުޅުނީ ހެޕީ ބޯއީޒްގެ ހަތް ކުޅުންތެރިންނެވެ. އަނެއްކޮޅުން މަޓިޔާސީއާ ދެކޮޅަށް ކުޅުނު ނަސާމީ ޓީމުގެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކުމުން އެޓީމުގައި ވެސް މެޗު ނިމުނުއިރު ތިބީ ހަތް ކުޅުންތެރިންނެވެ.

މެޗަށް ނުކުތްއިރު ހަތަރު ވަނަ ޑިވިޝަނުގެ އެއް ވަނައިގައި އޮތް ޓައިގާސް ޓީމު. މެޗް ފިކްސް ކުރި މެޗުން އެޓީމު މޮޅުވީ 1-33 އިން

“ހާފް ޓައިމްގައި މަޓިޔާސީ ޓީމު 22 ގޯލު ކުރީގައި އޮތްކަން އެނގުމުން ޓައިގާސް ޓީމާ ދެކޮޅަށް ކުޅުނު ހެޕީ ބޯއީޒްގެ ހަތް ކުޅުންތެރިން ވަނީ މާބޮޑަށް ވަރުބަލިކަމަށް ބުނެ މެޗަށް އަރަން ދެކޮޅު ހަދާފަ. އަނެއްކާ ނަސާމީ ޓީމުގެ ކުޅުންތެރިންނަށް ރެފްރީ ރަތް ކާޑު ދެއްކުމުން މަޓިޔާސީއާ ދެކޮޅަށް ކުޅުނީ އެޓީމުގެ ހަތް ކުޅުންތެރިން” ތަހުގީގާ ގުޅޭގޮތުން ދިން އިންޓަވިއުގައި ވިންސެންޓް ބުންޏެވެ.

މި ޓީމުތައް މިދިޔަ މާޗް ބައްދަލު ކުރިއިރު، ނަސާމީ އަތުން މަޓިޔާސީ މޮޅުވީ 1-2 އިންނެވެ. ޓައިގާސް އާއި ހެޕީ ބޯއީޒް މާޗް މަހު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މެޗު ފިކްސް ކުރުމުން ހަތަރު ޓީމު އުމުރަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެޓީމުތަކުގައި ތިބި އޮފިޝަލުން ވަނީ ކުރިއަށް އޮތް ފަސް ސީޒަނާއި އަށް ސީޒަނާ ދެމެދަށް ސަސްޕެންޑްކޮށްފަ އެވެ.

ސަތޭކައާ ގާތްކުރާ އަދަދަކަށް ދެ މެޗުގައި ގޯލު ޖެހުމުން މެޗު އޮފިޝަލުންނަށް އެ ގޯލުތައް ރަނގަޅަށް ރެކޯޑް ވެސް ނުކުރެވުނެވެ.

“ފެނުނީ ރެފްރީ އަބަދު ލިޔަމުން ދިޔަތަން. ޖާޒީ ނަންބަރު 2، 10 ގޯލު ޖެހި. ނަންބަރު 5، 20 ގޯލު ޖެހި. ބައިކޮޅަށް 41 ގޯލު ޖެހި. ކިހިނެއް އޮފިޝަލުންނަށް އެ ހުރިހާ ގޯލެއް ނޯޓްކުރާނީ؟” ވިންސެންޓް ބުންޏެވެ.

ވިންސެންޓް ބުނީ ފުޓްބޯޅަ އަށް އިހުތިރާމް ނުކުރާ ބަޔަކަށް އެފަދަ ކަމެއް ތަކުރާރު ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. މި ސަސްޕެންޝަނާ އެކު އެންމެ ބޮޑު ކަންބޮޑުވުމަކީ ޒުވާން ކުޅުންތެރިންތަކެއްގެ ކެރިއަރު ގެއްލުން ކަމަށް ވިންސެންޓް ބުންޏެވެ. ސައުތު އެފްރިކާގެ ލީގުތަކުގެ ގަވާއިދުގައިވާ ގޮތަށް ކޮންމެ ޓީމެއްގައި ވެސް 21 އަހަރުން ދަށުގެ ފަސް ކުޅުންތެރިން މަދުވެގެން ހިމަނަންޖެހެ އެވެ. އެކަމަކު ސަސްޕެންޝަނުގެ ސަބަބުން މި ކުޅުންތެރިންނަށް ވަނީ ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

“ލީގުތައް އޯގަނައިޒް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާން ކުޅުންތެރިން ކުރިމަގުގައި ސައުތު އެފްރިކާގެ ގައުމީ ޓީމަށް އެރުވުން” ވިންސެންޓް ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!