ފުރަތަމަ ސަފްޙާ / ޚަބަރު / ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އިން ފޯމު ދަމަހައްޓައިފި
ފަހުމިނެޓް

ދަ ގްރާންޑޭ ބަލިކޮށް މާޒިޔާ އިން ފޯމު ދަމަހައްޓައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 3 މާރޗް 2022

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ 3-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.

ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާ އެކު މާޒިޔާ އޮތީ އެއް ވަނައިގަ އެވެ. އާ ކޯޗު މަޔޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ލީގުގައި ސަތޭކަ އިންސައްތަ ރެކޯޑް ދަމަހައްޓާއިރު އެޓީމު ކޮޅަށް އަދި ގޯލެއް ވެސް ނުވަދެ އެވެ.

ލީގު ތާވަލުގައި މާޒިޔާގެ ފަހަތުން ދެ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ތިން ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތީ ފުރަތަމަ ތިން މެޗުން 6 ޕޮއިންޓް ހޯދި ކްލަބް ވެލެންސިއާ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ހަތަރު ވަނަ މިނެޓުގައި ޖެހީ ސްޕެއިންގެ މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) ގެ އެހީތެރިކަމާ އެކު ޓަނާ ކާމިޔާބުކުރި ގޯލެކެވެ. މާޒިޔާގެ ދެ ވަނަ ލަނޑު 21 ވަނަ މިނެޓުގައި ޖެހީ މުހައްމަދު އިރުފާން (އިރޭ) އެވެ. އިރޭ މި ގޯލު ޖެހީ ޓަނާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. މާޒިޔާ އިން މެޗުގައި ލީޑު އިތުރަށް ފުޅާކުރީ 51 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖަހައިދިން ގޯލުންނެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!