ފުރަތަމަ ސަފްޙާ / ޚަބަރު / ޔާނު ވެލެންސިއާ އަށް، އައްޒާމް އާއި އަޔާ ސަސް އަށް
ފަހުމިނެޓް

ޔާނު ވެލެންސިއާ އަށް، އައްޒާމް އާއި އަޔާ ސަސް އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 24 ޖެނުއަރީ 2022

އަރަމުން އަންނަ ޒުވާން ތަރި އަބްދުﷲ ޔާމީން (ޔާނު) ކްލަބް ގްރީން ސްޓްރީޓްސް ދޫކޮށް ކްލަބް ވެލެންސިއާ އަށް ބަދަލުވިއިރު ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އައްޒާމް އާއި ހުނަރުވެރި އަޔާޒް އަހުމަދު (އަޔާ) ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ބަދަލުވެއްޖެ އެވެ.

ހއ. ހޯރަފުއްޓަށް އުފަން އުމުރުން 21 އަހަރުގެ ޔާނު އަކީ އުމުރުން އެންމެ 17 އަހަރުގައި ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިއެކެވެ. މިދިޔަ އަހަރުތަކުގައި ގްރީން ސްޓްރީޓްސްގައި ޔާނު މޮޅު ކުޅުމެއް ދެއްކިއިރު ގްރީން ސްޓްރީޓްސްގެ ޒުވާން ޓީމާ އެކު ޔާނު ވަނީ 2018 ވަނަ އަހަރުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ސީނިއާ ޓީމުން ފުރުސަތު ނުލިބުނު ނަމަވެސް ޔާނު އަންނަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ގަވާއިދުން ކުޅެމުންނެވެ. ގްރީން ސްޓްރީޓްސް އިން މި ސީޒަނުގެ ގައުމީ މުބާރާތުގެ ތިން ވަނަ ހޯދިއިރު ޔާނު ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ދަ ގްރާންޑޭ އިން ޓީސީ ބަލިކޮށް ފެށުން ރަނގަޅުކޮށްފި

ސަސް އަށް ބަދަލުވި އައްޒާމް ޓީސީ އަށް ކުޅުނު މެޗެއްގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ނ. ކެނދިކުޅުދޫ އަށް އުފަން 32 އަހަރުގެ މިޑްފީލްޑަރު އައްޒާމް ކުޅުމުގެ ތެރެއަށް އެނބުރި މިއައީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ފުޓްބޯޅައިން ރިޓަޔާ ކުރުމަށްފަހު އެވެ. ބީޖީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް ތައާރާފް ވުމަށްފަހު ކެރިއަރުގެ ގިނަ ދުވަސްތައް އައްޒާމް ހޭދަކުރީ ޓީސީ ސްޕޯޓްސް ކްލަބްގަ އެވެ. ޓީސީއާ އެކު 2017 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު އައްޒާމް ވަނީ ޓީސީއާ އެކު ހޯދައިފަ އެވެ. އައްޒާމް އަކީ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޮންޓްރެކްޓް އުވާލުމަށްފަހު ސަސް އަށް ބަދަލުވި އަޔާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އެވެ. ފުޓްސަލްގައި ބޮޑު މަޝްހޫރުކަމެއް ހޯދުމުގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ވެސް މިދިޔަ އަހަރުތަކުގައި އަޔާ ވަނީ ދަ ގްރާންޑޭގެ ޖާޒީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގެ ކުރީކޮޅު ދަ ގްރާންޑޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކިއިރު ސީޒަނުގެ ފަހުކޮޅު އަޔާ ބޮޑަށް ފެނުނީ ފުޓްސަލް އިންނެވެ. ގދ. ވާދޫ އަށް އުފަން އަޔާ އަށް މީގެ ކުރިން ވަނީ ސީނިއާ ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފަ އެވެ.

Mi mahu 21 gai Dhivehi premier league fesheythoa masakkaiykuranee | Mihaaru

ދަ ގްރާންޑޭގެ މެޗެއްގެ ތެރެއިން އަޔާ ބޯޅަ ހިފައިގެން. އައްޒާމުއާ އެކު އަޔާ ބަދަލުވީ ސަސް އަށް. – ފޮޓޯ: މިހާރު

ރާއްޖޭގެ ކްލަބްތަކަށް ޓްރާންސްފާ ބާޒާރު މިހާރު ބަންދުވެފައިވާއިރު ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނާއިއެކު އެހެން ކްލަބްތައް ވެސް ވަނީ ވަރުގަދަކޮށްފަ އެވެ. ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕަށް ފަހު ދެން އޮންނާނީ ދިވެހި ޕްރިމިއާ ލީގެވެ. އަށް ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!