މާލީ އަޑިގަނޑުން އަރައިނުގަނެވުމުން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފުޓްބޯޅަ ޓީމު، ކްލަބް ވެލެންސިއާ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ބާކީ ބައިގައި ވާދަނުކުރަން ނިންމައި، ލީގުން ވަކިވެއްޖެ އެވެ.
މިހާރު ހިނގަމުން މިދާ ސީޒަނުގެ ލީގު ބާކީ މެޗުތައް އެޓީމު ނުކުޅޭނެކަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މިހާރު ވަނީ އަންގައިފަ އެވެ. އަދި، ލީގުން ވަކިވާން މެދުވެރިވި ގިނަ ސަބަބުތަކެއް ފާހަގަކޮށް ވެލެންސިއާ އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
“މި ކްލަބުން މިގޮތަށް ނިންމަން ޖެހުނު އެންމެ މުހިއްމު ސަބަބަކީ މާލީގޮތުން ކްލަބަށް ގިނަ ދަތިތަކެއް ދިމާވެފައިވުން. އަދި، އަވަސް އަވަހަށް ލީގުގެ މެޗު ތާވަލު ބަދަލުވެ، ފުޓްބޯޅަ ސީޒަން ދިގުދެމިގެންދާތީވެ، މާލީގޮތުން ފުދުންތެރިކަން ނެތި، އިތުރަށް މެޗުތައް ކުޅެންވެއްޖެ ނަމަ އެކަމުގެ ސަބަބުން މި ކްލަބަށް ލިބިދާނެ ގެއްލުންތަކުން ދުރާލައި ރައްކާތެރިވެ ތިބުމުގެ ގޮތުން” ލީގުން ވަކިވި މައިގަނޑު ސަބަބު ހާމަކުރަމުން ވެލެންސިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރުތަކުގައި މާލީ ބޮޑެތި މައްސަލަތައް ކުރިމަތިވެ ވެލެންސިއާ ފެނުނީ ނިކަމެތިކޮށެވެ. އެކަމަކު މިދިޔަ އަހަރު ވަރުގަދަ ޓީމަކާ އެކު ނުކުމެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި އެވެ. އޭގެފަހުން ބިދޭސީ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އާ ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާ އިން އެ ކްލަބް ސަސްޕެންޑްކުރި އެވެ. އެހެންވެ މި ސީޒަނަށް އެ ކްލަބާ ގުޅުނު ކުޅުންތެރިންނަށް ވެލެންސިއާ ޓީމަށް ކުޅުމުގެ ފުރުސަތު ނުލިބި އެ ކްލަބް ދޫކޮށްލަން މަޖުބޫރުވި އެވެ.
ސީނިއާ ކުޅުންތެރިން ނެތުމާ އެކު ވެލެންސިއާ ޓީމުގައި މި ސީޒަނުގައި ކުޅެމުން އައީ ޒުވާން ކުދިންނެވެ. އޭގެތެރޭގައި ސްކޫލް އުމުރުފުރާގެ ގިނަ ކުދިންތަކެއް ހިމެނެ އެވެ.
ވެލެންސިއާ އިން ލީގު ވަކިވާން ނިންމައި ނެރުނު ބަޔާނުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ސަރުކާރުން ދޭން ނިންމި އެއްމިލިއަން އެ ކްލަބަށް ހަމައަށް ނުލިބޭކަމާއި، މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމުން ދޭން ނިންމި ފަސްލައްކަ ވެސް ނުލިބޭކަން ފާހަގަކޮށްފައިވެ އެވެ. އަދި، މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ދެ ވަނަ ބުރުގެ މެޗަށް ނުދެވުނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ފަރުވާކުޑަވުމުން ކަމަށް ވެލެންސިއާ އިން ބުނެފައިވެ އެވެ.
ލީގުން ވަކިވިއިރު މި ސީޒަނުގައި ވެލެންސިއާ ކުޅުނު ލީގު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ވަނީ ބަލިވެފަ އެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެ ޓީމަށް މޮޅެއް ނުލިބެ އެވެ. ދެ ޕޮއިންޓާ އެކު ލީގުގެ ފުލުގައި އޮތްއިރު ބައިކޮޅަށް 20 ގޯލު ވަނީ ވަދެފަ އެވެ. ލީގު ނުވަ މެޗުގައި އެޓީމަށް ޖެހުނީ ހަތަރު ގޯލެވެ.