ފުރަތަމަ ސަފްޙާ / ޚަބަރު / ކޮންޓޭ ޓޮޓެންހަމަށް، ނިއުކާސަލްގެ ކޯޗަކަށް އެމެރީ ގެންނަނީ

ކޮންޓޭ ޓޮޓެންހަމަށް، ނިއުކާސަލްގެ ކޯޗަކަށް އެމެރީ ގެންނަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 2 ނޮވެމްބަރު 2021

ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމަށް އިޓަލީ އެންޓޯނިއޯ ކޮންޓޭ ހަމަޖެއްސިއިރު މަހުޖަނުންގެ ކްލަބް ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުކަމަށް ވިޔަރެއާލްގައި މިހާރު ހުރި ކޯޗު އުނާއި އެމެރި ގެނައުމުގެ މަސައްކަތް އެ ކްލަބުން ފަށައިފި އެވެ.

ޓޮޓެންހަމްގެ ކޯޗުގެ މަގާމް ހުސްވީ ނަތީޖާތައް ދަށްވެ ނޫނޯ އެސްޕިރީޓޯ ސަންޓޯސް އިއްޔެ މަގާމުން ވަކިކުރުމުންނެވެ. 17 މެޗަށް ފަހު ނޫނޯ މަގާމުން ވަކިކުރިއިރު ޓޮޓެންހަމް އޮތީ 10 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ތާވަލުގެ 8 ވަނައިގަ އެވެ. 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ކޮންޓޭއާ އެކު ޓޮޓެންހަމުން އެއްބަސްވުމަކަށް އައީ އިތުރު އަހަރަކަށް އެއްބަސްވުން އާކުރެވޭ ގޮތަށެވެ. އުމުރުން 52 އަހަރުގެ ކޮންޓޭ ވަނީ މިދިޔަ ސީޒަނުގައި އިޓަލީގެ އިންޓަ މިލާނަށް 11 އަހަރަށް ފަހު އިޓަލީ ލީގު ކާމިޔާބުކޮށްދީފަ އެވެ.

ޓޮޓެންހަމާ ހަވާލުވުމަށް ފަހު ކޮންޓޭ ބުނީ ކުރިއަށްދާން ވިސްނުންހުރި ޕްރިމިއާ ލީގުގެ ކްލަބަކާ އަނެއްކާވެސް ހަވާލުވުމަކީ އޭނާ އަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ. ކޮންޓޭ ވަނީ ކުރިން ޗެލްސީ އަށް ކޯޗުކޮށްދީ 17-2016 ވަނަ ސީޒަނުގައި އެޓީމަށް އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީގެ ނަތީޖާތައް ދަށްވުމުން ކޮންޓޭ މަގާމުން ވަކިކުރީ ޗެލްސީއާ އެކު ހޭދަކުރި ދެ ވަނަ ސީޒަނުގަ އެވެ. ކޮންޓޭ ވަނީ މީގެކުރިން އިޓަލީގެ ޔުވެންޓަސްގެ އިތުރުން އިޓަލީގެ ގައުމީ ޓީމަށް ވެސް އިރުޝާދުދީފަ އެވެ.

ސައުދީ އަރަބިއާގެ މަހުޖަނުންގެ ތިން ކުންފުންޏަކުން 305 މިލިއަން ޕައުންޑަށް ނިއުކާސަލް ޔުނައިޓެޑް ގަތުމާ އެކު އެއީ މިހާރު ދުނިޔޭގައި އޮތް އެންމެ މުއްސަނދި ކްލަބެވެ. އޮކްޓޫބަރު ހަތް ވަނަ ދުވަހު ނިއުކާސަލް ގަތުމަށް ފަހު ކްލަބުގެ އޯނަރުން މިހާރު މަސައްކަތްކުރަމުން އަންނަނީ މިފަހަރުގެ ޕްރިމިއާ ލީގުން ނިއުކާސަލް ރެލިގޭޓްވިޔަނުދީ ސަލާމަތްކުރުމަށެވެ. ލީގުގައި ނިއުކާސަލަށް މިހާތަނަށް މޮޅެއް ލިބިފައިނުވާއިރު އެޓީމު އޮތީ ފުލުން ދެ ވަނައިގަ އެވެ. ޓީމުގެ ކޯޗުކަމުގައި ހުރި ސްޓީވް ބްރޫސް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު މަގާމުން ވަކިކޮށް ނިއުކާސަލްގެ މިހާރުގެ އަމާޒަކީ އެމެރީއާ ޓީމު ހަވާލުކުރުމެވެ.

ރިޕޯޓުތައް ބުނާގޮތުން އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެމެރީ ނިއުކާސަލްގެ ކޯޗުކަމަށް ހަމަޖައްސާނެ އެވެ. އެމެރީ މިހާރު ކޯޗުކޮށްދެމުން އަންނަ ވިޔަރެއާލުން ޗެމްޕިއަންސް ލީގުގައި މިރޭ ކުޅޭ މެޗުގައި ނުކުންނާނީ ޔަންގް ބޯއީޒްއާ ދެކޮޅަށެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރީ ބުނީ ނިއުކާސަލަށް އޭނާ ބަދަލުވުމާ ގުޅޭގޮތުން އެއްވެސް ކަމެއް އަދި ނޭނގޭ ކަމަށެވެ. ވިޔަރެއާލްގެ ރައީސް ފެނާންޑޯ ރޯއީ ބުނީ ނިއުކާސަލުން އެމެރީ އަށް ޝައުގުވެރިކަން ފާޅުކުރުމަކީ އޭނާ ވިސްނާކަމެއް ނޫންކަމަށާއި، އެކަމާ ގުޅިގެން އެމެރީގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުނުވާނެކަމަށް ގަބޫލުނުކުރާކަމަށެވެ.

އެމެރީ ވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް ވިޔަރެއާލަށް ތަށި ހޯދައިދީފަ އެވެ. އޭގެކުރިން އާސެނަލަށް 18 މަސްދުވަހު ކޯޗުކޮށްދީ އެޓީމަށް ޔޫރޮޕާ ލީގުގެ ފައިނަލުން އެމެރީ ފުރުސަތު ހޯދައިދިނެވެ. އެކަމަކު އެފަހަރުގެ ފައިނަލުގައި ޗެލްސީ އަތުން އާސެނަލް ބަލިވީ އެވެ.

ނިއުކާސަލުން ލީގުގައި އޮންނަން މަސައްކަތްކުރާއިރު ކުރިއަށް އޮތް ޖެނުއަރީ މަހު އެ ކްލަބުން މަޝްހޫރު ބައެއް ކުޅުންތެރިން ގެންނާނެކަމަށް ބެލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!