ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ކާޑިޒްއާ 0-0 އިން އެއްވަރުވެ ސީޒަނުގެ ކުރީކޮޅު ބާސެލޯނާ އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާ އެކު ބާސެލޯނާ އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. ފަސް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބާސެލޯނާ އެންމެ ފަހުން މެޗަކުން މޯޅުވީ ލީގުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ގެޓާފޭއާ އަތުންނެވެ. އޭގެފަހުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެ އަދި ލީގުގައި އަމިއްލަ ދަނޑުގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗުގައި ބާސެލޯނާ އަށް މައްސަލަތައް ކުރިމަތިވީ 65 ވަނަ މިނެޓުގައި މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މި ކާޑާ ގުޅިގެން ބާސެލޯނާގެ ބެންޗުން ވަރަށް ބޮޑަށް މައްސަލަޖެއްސި އެވެ. އަދި މެޗު ނިމުމުގެ ކުރިން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން އަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ކޫމަން ދަނޑުން ފޮނުވާލީ މެޗުގެ ފަހުކޮޅު ސާޖިއޯ ބުސްކެޓްސް އަށް ރެފްރީ ދެއްކި ރީނދޫ ކާޑާ ގުޅިގެން ޝަކުވާކުރުމުންނެވެ.
ފަހު 25 މިނެޓު 10 ކުޅުންތެރިންނާ އެކު ކުޅުނު ބާސެލޯނާ ކޮޅަށް މެޗުގެ ފަހުކޮޅު ކާޑިޒް އިން ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު މި ހަމަލާތައް ހުއްޓުވުމުގައި ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން މޮޅު ސޭވްތަކެއްކުރި އެވެ. މިގޮތުން އަލްވާރޯ ނެގްރެޑޯ އާއި ސަލްވީ ސަންޗޭޒް އަދި އެންތަނީ ލޮޒާނޯ ޖެހި ބޯޅަތައް ޓާ ސްޓޭގަން މަތަކުރި އެވެ. ބާސެލޯނާ އިން މެޗުގައި ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ މެމްފިސް ޑިޕާއި އަށެވެ. އެކަމަކު ބާސެލޯނާގެ މުޅި ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނު މެޗުގައި ޑިޕާއި އަށް ވެސް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ބާސެލޯނާގެ މާލީ ހާލަތު ގޯސްވެފައިވާއިރު އެޓީމުގެ ކޯޗު ކޫމަން އާއި ކްލަބްގެ ރައީސް ލަޕޯޓާއާ ދެމެދު ވަނީ މައްސަލަތައް ގޯސްވެފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ތައްޔާރުވަމުން އަންނަނީ ކޯޗު ކޫމަން ބޭރުކޮށް އާ ކޯޗެއް ހޯދުމަށެވެ.