އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މިރޭ އޭޓީކޭ މޯހަން ބަގާން އަތުން 3-1 އިން ބަލިވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުން ކަޓައިފި އެވެ.
ގްރޫޕުގެ ފުރަތަމަ މެޗުގައި މާޒިޔާ ވަނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ވާދަކޮށް 2-0 އިން ބަލިވެފަ އެވެ. މިރޭގެ މެޗުން ބަލިވުމުން މާޒިޔާ މިވަގުތު އޮތީ ތާވަލުގެ ފުލުގަ އެވެ. އެޓީމަށް ޕޮއިންޓެއް ލިބިފައިނުވާއިރު ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ބެންގަލޫރު އެފްސީ އެވެ. ގްރޫޕުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ ބެންގަލޫރާ ދެކޮޅަށެވެ. ގްރޫޕުގެ އެއް ވަނަ ޓީމެއް ކަށަވަރުވާނީ އަންނަ އަންގާރަ ދުވަހު ބަޝުންދަރާ އާއި އޭޓީކޭ ވާދަކުރާ މެޗުގެ ނަތީޖާ އިންނެވެ. ދެ މެޗުން މޮޅުވެ 6 ޕޮއިންޓާ އެކު އޭޓީކޭ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ބަޝުންދަރާ އަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މިރޭގެ މެޗު މާޒިޔާ އިން ފެށީ ރަނގަޅަށެވެ. މެޗު ފަށައިގެން އޭޓީކޭ އަށް ބާރުބޮޑުކުރަމުން ގޮސް މާޒިޔާ އިން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އޭޓީކޭގެ ޑިފެންޑަރު އަތުން ބޯޅަ ހޯދުމަށް ފަހު ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ އިބްރާހީމް އައިސަމް އެވެ. އައިސަމްގެ ގޯލަށް ފަހު ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ފުރަތަމަ ހާފުގައި މާޒިޔާ އިން މޮޅަށް ކުޅުނުއިރު އެޓީމަށް މައްސަލަ ދިމާވީ ނިންމާލުމުގަ އެވެ.

އައިސަމްގެ ގޯލަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާފާޅުކުރަނީ. މާޒިޔާ ބަލިވީ ލީޑުގައި އޮވެފައި. – ފޮޓޯ: އެފްއޭއެމް
މެޗުގެ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުތެރޭ މާޒިޔާ އަށް ލީޑު ފުޅާކުރަން ރަނގަޅު ދެ ފުރުސަތު ލިބުނެވެ. ފުރަތަމަ ފުރުސަތުގައި ހުސްކޮށް ހުރެ ހަމްޕު ގޯލުގެ ތިރީ ކަނަށް ފޮނުވާލި ބޯޅަ އޭޓީކޭގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ދިޔައީ ކޯނަރަކަށް ބޭރަށެވެ. އެ ކޯނަރުގައި ޖަޕާންގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މާޒިޔާގެ ފުރުސަތުތަކަށް ފަހު އޭޓީކޭ އިން ދެ ވަނަ ހާފުގައި އުފެއްދި ފުރަތަމަ ހަމަލާގައި ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އާޝުތޯޝް މެހެތާ ނެގި ހުރަހަކުން އޭޓީކޭ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކޮލާސޯ އެވެ. މެޗު އެއްވަރުވެފައި އޮއްވައި އޭޓީކޭ އިން ވަނީ ފްރާންސްގެ ހުނަރުވެރި ކުޅުންތެރިޔާ ބޯމަސް ކުޅެން އަރުވައިފަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި އޭޓީކޭގެ ދެ ވަނަ ލަނޑު ބޯމަސްގެ އެހީތެރިކަމާ އެކު ޖެހީ ކްރިޝްނާ އެވެ. އޭޓީކޭ ލީޑު ނެގުމަށް ފަހު މާޒިޔާ އިން އުފެއްދި ފުރަތަމަ ހަމަލާގައި އޭރިޔާ ބޭރުން ކޯނޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ފަހު ގޯލު 77 ވަނަ މިނެޓުގައި ޖެހީ މަންވީރު އެވެ. މި ލަނޑު ޖަހަން ވެސް އެހީތެރިވެދިނީ ބެންޗުން ކުޅެން އަރައި ތަފާތު ދެއްކި ބޯމަސް އެވެ.
މިފަހަރުގެ މުބާރާތަކީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރި ހަ ވަނަ ފަހަރެވެ. އެކަމަކު އެޓީމަށް އަދި މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއްނުވެ އެވެ. އޭއެފްސީ ކަޕްގައި ރާއްޖޭން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ނިއު އިން ވަނީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް 2013 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.