ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅުވާން މަޖުބޫރު މެޗަކަށް މާޒިޔާ އިން އިންޑިއާގެ ޗެމްޕިއަންއާ ދެކޮޅަށް

މޮޅުވާން މަޖުބޫރު މެޗަކަށް މާޒިޔާ އިން އިންޑިއާގެ ޗެމްޕިއަންއާ ދެކޮޅަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 21 އޮގަސްޓް 2021

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މޮޅުވާން މަޖުބޫރު މެޗަކަށް ރާއްޖޭގެ މާޒިޔާ އިން މިރޭ އިންޑިއާ ލީގުގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނާނެ އެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ މި ގްރޫޕުން އަނެއް ބުރަށް ހޮވޭނީ ގްރޫޕުގެ އެއް ވަނަ ލިބޭ ޓީމަކަށެވެ. ގްރޫޕުގައި މާޒިޔާ ފުރަތަމަ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން 2-0 އިން ބަލިވުމުން އެއް ވަނަ ހޯދުމުގެ އަމިއްލަ ބާރު މާޒިޔާ އަށް ވަނީ ގެއްލިފަ އެވެ. މާޒިޔާ އަށް އުއްމީދެއް އޮތީ މިރޭ އޭޓީކޭ މޯހަން ބަގާން ބަލިކޮށް ފަހު މެޗުގައި ބެންގަލޫރު އެފްސީ ވެސް ބަލިކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޭޓީކޭ މޯހަން ބަގާން ވަނީ 2-0 އިން ބެންގަލޫރު ބަލިކޮށްފަ އެވެ. ގްރޫޕުގެ އެންމެ ކުރީގައި އޮތީ ފުރަތަމަ މެޗުން މޮޅުވި އޭޓީކޭ މޯހަން ބަގާން އާއި ބަޝުންދަރާ އެވެ. މާޒިޔާ އާއި ބެންގަލޫރު އޮތީ ފުރަތަމަ މެޗުން ބަލިވެ ޕްރެޝަރުގަ އެވެ. ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ބަޝުންދަރާ އާއި ބެންގަލޫރެވެ. އެ މެޗުން ބަޝުންދަރާ މޮޅުވެއްޖެ ނަމަ ކުރިއަށް ދިއުމުގެ ފުރުސަތު ބެންގަލޫރަށް ބަންދުވާނެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ އޭޓީކޭ އަތުން މޮޅުވެ ފަހު މެޗަށް ދާއިރު އުއްމީދެއްގައި އޮންނަން ބޭނުންވާކަމަށެވެ. އެހެންވެ މާޒިޔާ އަށް އޭޓީކޭ މޯހަން ބަގާން ބަލިކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު މެޗުން މޮޅު ވެވޭނީ ވަރަށް ވިސްނައިގެން ކުޅެގެން ކަމަށް ކޯޗު ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކާ ކުރިމަތިލީއިރު މާޒިޔާ އާއި އިންޑިއާގެ ދެޓީމަށް ކުރިމަތިވީ މުބާރާތުގެ ކުރިން ވާދަވެރި ރަނގަޅު މެޗުތަކެއް ނުލިބުމުގެ މައްސަލަ އެވެ. އޭއެފްސީ ކަޕްގެ ކުރިން މާޒިޔާ އިން ވާދަވެރި މެޗެއް ކުޅުނީ މިދިޔަ މެއި މަހު އެވެ. އެއީ ދިވެހި ޕްރިމިއާ ލީގުގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗެވެ. އިންޑިއާގެ ލީގު ނިމިފައި އޮތުމުން އޭޓީކޭ އިން ވާދަވެރި މެޗެއްގައި ކުޅުނީ މާޗް މަހު އެވެ. ރަނގަޅު މެޗުތަކެއް ނުލިބުމަކީ ދެޓީމަށް ވެސް އޮތް ގޮންޖެހުމެއްގެ ގޮތުގައި ވިޑަކޮވިޗް ފާހަގަކުރި އެވެ.

މާޒިޔާގެ ކޯޗު ގަބޫލުކުރާ ގޮތުގައި މިރޭގެ މެޗުގައި ޕްރެޝަރު އޮންނާނީ އޭޓީކޭ މޯހަން ބަގާން އަށެވެ. ސަބަބަކީ މާޒިޔާ އަށްވުރެ ވަރުގަދަ ލީގެއްގައި އޭޓީކޭ މޯހަން ބަގާން އިން ވާދަކުރުމާއި އެމީހުން ޓީމަށް ކުރާ ހަރަދު ކަމުގައި ވިޑަކޮވިޗް ފާހަގަކުރި އެވެ. އެހެންވެ މެޗަށް ނުކުންނައިރު އޭޓީކޭ މޯހަން ބަގާން އަކީ ފޭވަރިޓުންނަށް ވިޔަސް ދަނޑުމަތީގައި އެކަން ތަފާތު ވާނެކަމަށް ވިޑަކޮވިޗް ބުންޏެވެ.

މިއީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ވާދަކުރާ ހަ ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން އޭއެފްސީ ކަޕްގައި ވާދަކުރީ 2013 އިން 2017 އަށް އަދި މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ޕްލޭއޮފްގައި ބެންގަލޫރު ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދި ނަމަވެސް ފުރަތަމަ މެޗަށް ފަހު ކޮވިޑާ ގުޅިގެން ޖެހުނީ މުބާރާތް ކެންސަލް ކުރާށެވެ. އޭގެ ފަހުން މި އަހަރު މާޒިޔާ އޭއެފްސީ ކަޕަށް ވަރުގަދައަށް ތައްޔާރުވީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށެވެ.

މާޒިޔާ އާއި އޭޓީކޭ މޯހަން ބަގާން ބައްދަލުކުރާ މެޗު ގަލޮޅު ދަނޑުގައި ފަށާނީ މިރޭ 9 ޖަހާއިރު އެވެ. ބަޝުންދަރާ އާއި ބެންގަލޫރު ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!