ޖަރުމަނު ފުޓްބޯޅަ ޓީމާއި ބަޔާން މިއުނިކްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުރީގެ މަޝްހޫރު ފޯވާޑް ގާޑް މުލާ އުމުރުން 75 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.
މުލާ އަކީ އޭނާގެ ރަން ޒަމާނުގައި ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އަނެއްކޮޅުން މުލާ އަކީ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުން ގިނަ ބަޔަކު ޖާގަދޭ ތަރިއެކެވެ. ހުޅަނގު ޖަރުމަނުގެ ޒަމާނުގައި މުލާ ވަނީ އެ ގައުމަށް ކުޅުނު 62 މެޗުގައި 68 ލަނޑު ޖަހައިފަ އެވެ. 1974 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ނެދަލެންޑްސް ބަލިކޮށް ހުޅަނގު ޖަރުމަނުން ތަށި ހޯދީ މުލާ ޖެހި ލަނޑަކުންނެވެ.
ކްލަބް ލެވެލްގައި މުލާގެ ވިދުން އެންމެ ގަދަވީ ބަޔާން މިއުނިކްގައި ހޭދަކުރި 15 އަހަރު އެވެ. އެ ކްލަބަށް ކުޅުނު ވާދަވެރި 594 މެޗުގައި މުލާ ވަނީ 547 ލަނޑު ޖަހައިފަ އެވެ. ބަލިކޮށް އުޅެފައި މުލާ ވަކިވެދިއުމުގެ ހިތާމަ ފުޓްބޯޅައިގެ އެކި ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.
ޖަރުމަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު ހޯދި މުލާ ވަނީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 10 ލަނޑު ޖަހައި އެ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދާފަ އެވެ. އޭގެ ދެ އަހަރު ފަހުން ސޯވިއެޓް ޔޫނިއަން ބަލިކޮށް ޖަރުމަނުން ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ފައިނަލުގައި މުލާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
ފުޓްބޯޅަ ކުޅުނު ދުވަސްވަރު މުލާ ހަދާފައިވާ ގިނަ ރެކޯޑުތައް އެތައް އަހަރަކަށް ދެމިގެންދިޔަ އެވެ. އަދި ބައެއް ރެކޯޑްތަކަކީ އަދިވެސް މުގުރާނުލެވޭ ރެކޯޑްތަކެކެވެ. ބަޔާންގައި ހޭދަކުރި 15 ސީޒަނުގައި މުލާ ވަނީ ހަތް ފަހަރު ޖަރުމަނު ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއްކޮޅުން އެއް އަހަރެއްގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރެކޯޑް ވަރަށް ފަހަކާ ޖެހެންދެން އޮތެވެ. 85 ލަނޑާ އެކު އެ އަހަރު މުލާ ހެދި ރެކޯޑް 2012 ވަނަ އަހަރު 89 ލަނޑު ޖަހައިގެން މުގުރާލީ އޭރު ބާސެލޯނާ އަށް ކުޅުނު ލިއޮނަލް މެސީ އެވެ. އެއް ސީޒަނެއްގައި ޖަރުމަނު ލީގުގައި 40 ގޯލު ޖެހުމުގެ ރެކޯޑް ވެސް 49 އަހަރު ވަންދެން ދެމިއޮތެވެ. އެ ރެކޯޑް 41 ގޯލާ އެކު މިދިޔަ މެއި މަހު މުގުރާލީ ބަޔާންގެ ރޮބާޓް ލެވަންޑޮސްކީ އެވެ. ބަޔާންގައި ހޭދަކުރި ދުވަސްވަރު މުލާ ވަނީ ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ކަޕާއި ޔޫރަޕިއަން ކަޕްގެ އިތުރުން ޔޫރަޕިއަން ކަޕް ވިނާސް ކަޕް އަދި އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފަ އެވެ.
މުލާ އަށް އަލްޒައިމާ (ހަނދާން ނެތުމުގެ ބަލި) ބަލި ޖެހުނުކަން ބަޔާނުން ވަނީ 2015 ވަނަ އަހަރު އިއުލާންކޮށްފަ އެވެ. އޭގެފަހުން އޭނާ ދިޔައީ އެ ބައްޔަށް ފަރުވާކުރަމުންނެވެ.
ޖަރުމަނު ގައުމީ ޓީމަށް 1974 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު އުމުރުން އެންމެ 28 އަހަރުގައި މުލާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. ގައުމީ ޓީމަށް 1966 އިން 1974 އަށް ކުޅުނު މުލާ ކްލަބް ލެވެލްގައި ފުޓްބޯޅަ ކުޅެން ފެށީ 1963 ވަނަ އަހަރު އެވެ. ޖަރުމަނުގެ ކްލަބަކަށް އެއް އަހަރު ކުޅުމަށް ފަހު މުލާ ބަޔާނަށް ބަދަލުވީ 1964 ވަނަ އަހަރު އެވެ. 1979 ވަނަ އަހަރާ ހަމައަށް ބަޔާންގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު މުލާ ދެން ބަދަލުވީ އެމެރިކާގެ ކްލަބަކަށެވެ. އެ ކްލަބުގައި ތިން އަހަރު ކުޅުމަށް ފަހު މުލާ ފުޓްބޯޅައިން އެއްކޮށް ރިޓަޔާ ކުރީ 1981 ވަނަ އަހަރު އެވެ.
މުލާގެ ފާހަގަކޮށްލެވޭ ރެކޯޑްތައް
ޖަރުމަނު ލީގުގައި ކުޅުނު 427 މެޗުގައި މުލާ ވަނީ 365 ޖަހާފަ އެވެ. މިއީ ލީގުގެ ރެކޯޑް އަދަދެކެވެ.
72-1971 ވަނަ އަހަރު ޖަރުމަނު ލީގުގައި މުލާ ވަނީ 40 ލަނޑު ޖަހައިގެން ރެކޯޑް ހަދައިފަ އެވެ. މި ރެކޯޑް 49 އަހަރު ފަހުން މުގުރާލީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގައި 41 ލަނޑު ޖެހި ރޮބާޓް ލެވަންޑޮސްކީ އެވެ.
ޖަރުމަނު ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލް ޖެހުމުގެ ރެކޯޑް އޮތީ މުލާ އަތުގަ އެވެ. އަދިވެސް މުގުރާނުލެވޭ މި ރެކޯޑް މުލާ ހެދީ ޖެހިޖެހިގެން 16 މެޗުގައި ލަނޑު ޖަހައިގެންނެވެ. މި ރެކޯޑް މުގުރާލުމާ އެންމެ ގާތުގައި އުޅެނީ ލެވަންޑޮސްކީ އެވެ. ލެވަންޑޮސްކީ ވަނީ ޖަރުމަނު ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުގައި ލަނޑު ޖަހައިފަ އެވެ.
ބަޔާންގައި ހޭދަކުރި 15 ސީޒަނުގެ ތެރެއިން ހަތް ސީޒަނުގައި މުލާ ވަނީ ލީގުގެ ރަން ބޫޓު ހޯދައިފަ އެވެ. ޖަރުމަނު ލީގުގައި މި އަދަދަށް އެހެން އެއްވެސް ކުޅުންތެރިއަކަށް އަދި ރަން ބޫޓެއް ނުހޯދެ އެވެ.
މުލާ އަށް ވުރެ ގިނައިން ޖަރުމަނު ގައުމީ ޓިމަށް ލަނޑު ޖަހައިދީފައިވާ ހަމައެކަނި ކުޅުންތެރިޔަކީ މިރޮސްލަވް ކްލޯސާ އެވެ. ކްލޯސާ 71 ލަނޑު ޖެހިއިރު މުލާ ވަނީ 68 ލަނޑު ޖަހައިފަ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ މުލާ އެ އަދަދު 62 މެޗުން ހަމަކުރުމެވެ. ކްލޯސާ 71 ލަނޑު ޖެހީ 137 މެޗުންނެވެ.