ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ މިއަދު ޕީއެސްޖީ އަށް ސޮއިކުރަނީ

މެސީ މިއަދު ޕީއެސްޖީ އަށް ސޮއިކުރަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 އޮގަސްޓް 2021

ހައިރާންކުރުވަނިވި ގޮތަކަށް ބާސެލޯނާ ދޫކޮށްލި ލިއޮނަލް މެސީ މިއަދުގެ ވަގުތެއްގައި ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކުރަން ތައްޔާރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕީއެސްޖީން މެސީ އަށް ހުށަހެޅި ކޮންޓްރެކްޓަށް މެސީ މިއަދު ވަނީ އެއްބަސްވެފަ އެވެ. ޕީއެސްޖީން މެސީ އަށް ހުށަހެޅީ ދެ އަހަރުގެ ދުވަހުގެ ކޮންޓްރެކްޓެކެވެ. އެކަމަކު ޕީއެސްޖީން ބޭނުންނަމަ އިތުރު އަހަރަކު (2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް) މެސީ އެ ކްލަބުގައި މަޑުކުރެވޭ ގޮތަށް އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ. މެސީ ދެ އަހަރުގެ ދުވަހުގެ މުއްދަތަކަށް ޕީއެސްޖީ އަށް ބަދަލުވާ ސީދާ އަގު އަދި ހާމަކޮށްފައެއްނުވެ އެވެ.

ޕީއެސްޖީއާ ގުޅެން ނިންމުމަށް ފަހު މެސީ މިއަދު ޕެރިހަށް ގޮސް ކޮންޓްރެކްޓްގައި ސޮއިކުރާނެކަމަށް ބެލެވެ އެވެ.

“ހުރިހާ ކަމެއް ވަނީ ނިމިފައި. ލިއޮނަލް މެސީ ވާނީ ޕީއެސްޖީގެ ކުޅުންތެރިއަކަށް. މީގެ އިރުކޮޅެއް ކުރިން އެ ހުރިހާކަމެއް ނިމިއްޖެ” މެސީ ޕީއެސްޖީ އަށް ބަދަލުވާން ނިންމިކަމުގެ ޔަގީންކަން ދެމުން ބީބީސީން ރިޕޯޓްކޮށްފައިވެ އެވެ.

މެސީ ކްލަބް ދޫކޮށްލި ފަހުން ބާސެލޯނާ އިން މެސީ ބެހެއްޓޭނެ ގޮތްތަކެއް ބަލަމުން އަންނަކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު ބާސެލޯނާ އިން މެސީ ދޫކޮށްލީ ސްޕެނިޝް ލީގުގެ އުސޫލުތަކާ އެއްގޮތަށް މެސީގެ މުސާރައިގެ ކަންކަން ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނުފެނުމުންނެވެ.

އުމުރުން 34 އަހަރުގެ އާޖެންޓީނާ ތަރި ބާސެލޯނާ ދޫކޮށްލީ އެ ކްލަބުގައި ހޭދަކުރި 13 އަހަރު ދުވަހު އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ. މެސީ ވަނީ ބާސެލޯނާ އަށް ކުޅުނު 778 މެޗުގައި 672 ގޯލު ޖަހައިފަ އެވެ. އެ ކްލަބުގައި 6 ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދިއިރު މިދިޔަ 16 އަހަރު ޖުމްލަ 35 ތަށި ބާސެލޯނާއާ އެކު މެސީ ހޯދި އެވެ.

މެސީ ޕީއެސްޖީ އަށް ބަދަލުވާނެކަން އޭނާގެ ބައްޕަ ވެސް ސްޕެއިންގެ ޓީވީ އަކަށް ވަނީ ޔަގީންކޮށްދީފަ އެވެ.

“ރަނގަޅު. ލިއޯ (މެސީ) މިއަދު ޕީއެސްޖީ އަށް ސޮއިކުރާނެ” މެސީ ޕީއެސްޖީ އަށް ބަދަލުވާނެތޯ އެހުމުން ކުރި ސުވާލަކަށް ޖަވާބުދެމުން މެސީގެ ބައްޕަ ބުނެފައިވެ އެވެ.

މެސީ މިއަދު ޕީއެސްޖީ އަށް ސޮއިކުރުމަށް ފަހު އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލުން އޮންނާނީ މާދަމާ އެވެ. މެސީ އެ ކްލަބަށް އަންނާނެ ކަމުގެ އިންތިޒާރުގައި ޕީއެސްޖީގެ ސަޕޯޓަރުން އިއްޔެ ވެސް ކްލަބުގެ ސްޓޭޑިއަމާއި އެއާޕޯޓް ސަރަހައްދަށް ވަނީ ގޮސްފަ އެވެ. އެކަމަކު އެ އިންތިޒާރަށް ނިމުން އަންނާކަށް ދެން މާގިނައިރެއް ނެތެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!