އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން 5 ޗެމްޕިއަންކަން ފ. ނިލަންދޫ ހޯދައިފިއެވެ. ރާއްޖޭ އެންމެ ބޮޑު ޒޯންގެ ޗެމްޕިއަންކަން ނިލަންދޫ ހޯދީ މިއަދު ހަވީރު އެރަށު ފުޓްބޯޅަ ދަނޑުގައި ދ. މީދޫއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުމުން ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ.
މިއަދުގެ މެޗު ފެށިގެން ލީޑު ނެގީ މީދޫ ޓީމުންނެވެ. މެޗުގެ ދެވަނަ މިނެޓުގައި އެޓީމަށް ލަނޑު ޖަހައިދިނީ ޝަމީމް ޢަލީ އެވެ. މެޗުން ނިލަންދޫ ބަލިވަން ދަނިކޮށް އެއްވަރު ކޮށްދިނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ހުނަރުވެރި ކުޅުންތެރިޔާ އަޒްހާން ޚަލީލް އެވެ. މި މޮޅާއެކު ނިލަންދޫއަށް ވަނީ ޒޯން ފައިނަލް ބުރުގެ ފުރުސަތު ލިބިފައެވެ. މިއަހަރުގެ މުބާރާތުގައި މިހާތަނަށް ނިލަންދޫން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަތޮޅު މުބާރާތާއި ޒޯން ބުރުގައި އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މީދޫއަ ވާދަކޮށް 1-0 އިންނެވެ. މި ޒޯން އިން ފައިނަލް ބުރުގައި ދ. ކުޑަހުވަދޫވެސް ވާދަކުރާނެއެވެ. ނިލަންދޫ އާއި މީދުގެ އިތުރުން ޒޯން ފަހެއްގެ މުބާރާތުގައި ދެން ވާދަކުރީ މ. މުލި އަދި ވ. ފުލިދޫ އެވެ.