Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / މަނަދޫގައި ބޭއްވި ޗެސްޓާ ވިމެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބްލޯސަމް ހޯދައިފި

މަނަދޫގައި ބޭއްވި ޗެސްޓާ ވިމެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބްލޯސަމް ހޯދައިފި

ފަހުމިނެޓް
ފަހުމިނެޓް
4 އަހަރު ކުރިން 5 އޮގަސްޓް 2021

ނ. މަނަދޫ ޗެސްޓާ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން އެރަށަށް ހުޅުވާލައިގެން ބޭއްވި ވިމެންސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބްލޯސަމް އެފްސީ ހޯދައިފި އެވެ.

މަނަދޫ ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ބްލޯސަމް ޗެމްޕިއަންކަން ހޯދީ 0-1 އިން ސިކާޑާ ގާލްސް ބަލިކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފު ނިމެން ގާތްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އާއިޝަތު ސަމާ އެވެ.

ޖުލައި 26 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. ފައިނަލުގައި ވާދަކުރި ދެ ޓީމުގެ އިތުރުން މުބާރާތުގައި ކުޅުނީ ޓީމް ފެނަކަ، ވައި-ނޮޓް، އެކަޑެމީ، ކޮލާޑި އެފްސީ އަދި ރޯޔަލްސް އެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިޔައީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ކުރި ހޯދާ ހަތަރު ޓީމު ސެމީ ފައިނަލުގައި ވާދަކުރާ ގޮތަށެވެ. ސެމީ ފައިނަލުން ކެޓީ ތިން ވަނަ ހޯދި ޓީމް ފެނަކަ އާއި ވައި-ނޮޓް އެވެ. ސަޕޯޓަރުންގެ ތަރުހީބު ލިބުނު މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ޗެސްޓާ ސްޕޯޓްސްގެ ފޭސްބުކް ޕޭޖުން ވަނީ ލައިވްކޮށް ދައްކާފަ އެވެ.

image

ރޭގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު ފާތިމަތު ނަހުލާ އެވެ. ނަހުލާގެ އަރިހުގައި މަނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހާރޫން ފައިނަލް މެޗް ބައްލަވާލެއްވުމަށް ވަޑައިގަތެވެ.

މުބާރާތުގެ ސްޓާރުންގެ ޓީމުގައި ހިމެނުނީ ޗެމްޕިއަން ބްލޯސަމްގެ ހަމްނާ އިބްރާހީމް އާއި އެޓީމުގެ ފާތިމަތު ޝާއިގާގެ އިތުރުން ވައި-ނޮޓް ޓީމުގެ ފާތިމަތު ރަނާ އަބްދުއްރަހްމާން، ރަނަރަޕް ސިކާޑާ ގާލްސްގެ އާމިނަތު ރީޝަން އަދި ފެނަކަ ޓީމުގެ މަރްޔަމް އަލްޔާ އެވެ. ކުއީން އޮފް ދަ ޓޯނަމެންޓްގެ ޝަރަފްވެރި ލަގަބް ލިބުނީ ޗެމްޕިއަން ބްލޯސަމްގެ ސައިހާ އަބްދުލްގަފޫރަށެވެ. މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ އެކަޑެމީ ޓީމުގެ މަރްޔަމް ވިޝްމާ އެވެ. މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހީ ވައި-ނޮޓް ޓީމުގެ ރަނާ އެވެ. އޭނާ ވަނީ ނުވަ ގޯލު ޖަހައިފަ އެވެ. ފެއާޕްލޭ ޓީމަށް ފެނަކަ ހޮވުނުއިރު އެންމެ މޮޅު ކޯޗުގެ މަގާމް ލިބުނީ ފެނަކަށް ޓީމަށް އިރުޝާދުދިން އަހުމަދު ނާފިޒަށެވެ.

މަނަދޫގައި ކުޅިވަރާއި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޗެސްޓާ އިން ވިމެންސް ފުޓްސަލް މުބާރާތް ފަށާފައިވަނީ 2018 ވަނަ އަހަރު އެވެ. ދެ އަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ފަހު ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވާފައެއްނުވެ އެވެ. ކުރިން ބޭއްވި ވިމެންސް ފުޓްސަލް މުބާރާތްތަކުގައި ކައިރި އަތޮޅުގެ ރިސޯޓުތަކަށް ވެސް ވަނީ ފުރުސަތުދީފަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން މިއަހަރުގެ މުބާރާތުގައި ކުޅުނީ ހަމައެކަނި މަނަދޫގެ ކުޅުންތެރިންނެވެ.

May be an image of 13 people, people standing and headscarf
May be an image of 13 people, people standing and headscarf

ވިމެންސް ފުޓްސަލް މުބާރާތް މިދިޔަ އަހަރު މެދުކެނޑުނު ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ޗެސްޓާ އިން އަންނަނީ ފިރިހެން ފުޓްސަލް މުބާރާތް ބާއްވަމުންނެވެ. އަދި ކުޅިވަރު މުބާރާތްތައް ޗެސްޓާ އިން އިންތިޒާމުކުރަނީ އިޖުތިމާއީ މެސެޖުތަކާ އެކު އެވެ. މިފަހަރުގެ ވިމެންސް ފުޓްސަލްގެ ޝިއާރެއްގެ ގޮތުގައި ޗެސްޓާ އިން ކަނޑައެޅީ “އަމިއްލަ ނަފްސަށް އަޅާލާ، އިސްކަންދެމާ” އެވެ.

ޗެސްޓާ އިން އިންތިޒާމުކުރި ފުޓްސަލް މުބާރާތުގެ މެއިން ސްޕޮންސަރަކީ ބެސްޓް ބައި މޯބައިލްސް އެވެ. ކޯ ސްޕޮންސަރަކީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބިލްޑިއާ ޕްރައިވެޓް ލިމިޓެޑެވެ. މީގެ އިތުރުން މުބާރާތަށް ގިނަ ފަރާތްތަކަކުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އެ ފަރާތްތަކަށް ޗެސްޓާ އިން ޝުކުރު އަދާކުރެ އެވެ. ހާއްސަކޮށް މަނަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހާރޫނުގެ ނަން ޗެސްޓާ އިން ފާހަގަކުރި އެވެ.

ކޮމެންޓްސް

Matches
6
Ongoing
3
Upcoming
Settings