ފުރަތަމަ ސަފްޙާ / ޚަބަރު / ނޮޅިވަރަމްއާއި އެއްވަރުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް

ނޮޅިވަރަމްއާއި އެއްވަރުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 17 އޮކްޓޫބަރު 2018

 

އެސޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހދ އަތޮޅު ބުރުގައި މިއަދު ހަވީރު އަމިއްލަ ދަނޑުގައި ނޮޅިވަރަމް އާއި އެއްވަރުކޮށް ފައިނަލުގެ ޖާގައެއް ހަނިމާދޫ ޓީމުން ހޯދައިފިއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ އަތޮޅުގައި ހަނިމާދޫއަށް ލިބުނީ ގްރޫޕް އެކެއްގެ އެއްވަނަ އެވެ. މިއަދުގެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީ 2015 ވަނަ އަހަރު އަތޮޅު ޗެމްޕިއަންކަން ހޯދި ނޮޅިވަރަމް ޓީމުންނެވެ. މި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖެހީ އެޓީމުގެ ޝާފިއު މުހައްމަދެވެ. ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް މެޗުން މޮޅުވާން މަޖުބޫރުވި ނޮޅިވަރަމްއަށް މެޗުގައި ލީޑު ގެއްލުނީ 73 ވަނަ މިނެޓުގައި ހަނިމާދޫ ޓީމުގެ ހަސަން ސަލާމް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ހަނިމާދޫއަށް ގްރޫޕުގެ އެއްވަނަ ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އެޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ފިނޭ ކޮޅަށް 10 ލަނޑު ޖަހާފައެވެ. ހަނިމާދޫއަކީ 2016 ވަނަ އަހަރު އަތޮޅު މުބާރާތް ކާމިޔާބު ކުރި ޓީމެވެ.

މި މެޗާއެކު މި ގްރޫޕުގައި ދެން ކުޅޭނީ ފަހު މެޗެވެ. މި މެޗުގައި މާދަމާ ބައްދަލުކުރާނީ ފިނޭއާއި ނެއްލައިދޫ އެވެ. މި ދެޓީމުވެސް މިހާރު ވަނީ މުބާރާތުން ކަޓާފައެވެ. ހދ އަތޮޅުގެ ފައިނަލުގައި ދެން ވާދަކުރާ ޓީމެއް ކަށަވަރު ވާނީ ގްރޫޕްގެ ދޭއްގައި ކުޅުދުއްފުށީގައި ކުޅޭ މެޗުތައް ނިމުމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!