ފްރެންޗް ލީގުގައި ރޭ ލިލް އިން އޭންޖާސްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ. 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގުގެ ތަށި މި އުފުލާލީ މިދިޔަ ހަތަރު ސީޒަންގައި ވެސް ލީގު ޗެމްޕިއަންކަން ހޯދި ޕީއެސްޖީއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
ރޭ ލިލް އިން ޓޭބަލްގެ 13 ވަނައިގައި އޮތް އޭންޖާސް ބަލިކުރީ 1-2 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. އޭންޖާސް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ޖެހީ މެޗްގެ އިތުރު ވަގުތުގެ ތެރޭގަ އެވެ.
ފްރެންޗް ކަޕްގެ ޗެމްޕިއަންކަން މިދިޔަ ހަފްތާގައި ހޯދި ޕީއެސްޖީން ރޭ ޓޭބަލްގެ 16 ވަނައިގައި އޮތް ބްރެސްޓާ ދެކޮޅަށް ކުޅުނު މެޗް ވަނީ ކާމިޔާބުކޮށްފަ އެވެ. މި މެޗް އެޓީމުން ކާމިޔާބުކުރީ 0-އިންނެވެ. ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ނޭމާ އެވެ. ދެވަނަ ގޯލް މެޗްގެ 71 ވަނަ މިނެޓްގައި ކާމިޔާބުކުރީ ކިލިއެން އެމްބާޕޭ އެވެ.
މިއީ ފްރެންޗް ލީގު ލިލް އިން ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. އަނެއްކޮޅުން މިއީ މިދިޔަ ނުވަ އަހަރުގެ ތެރޭގައި ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ގެއްލުނު ދެވަނަ ފަހަރެވެ.