ފުރަތަމަ ސަފްޙާ / ޚަބަރު / ލިލް އިން ޕީއެސްޖީގެ ރަސްކަން ނިމުމަކަށް ގެންނަނީ

ލިލް އިން ޕީއެސްޖީގެ ރަސްކަން ނިމުމަކަށް ގެންނަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 8 މެއި 2021

ރަށުން ބޭރުގައި ލެންސް ބަލިކޮށް ފްރެންޗް ލީގު ކާމިޔާބުކުރުމާ ގާތަށް ލިލް އިން ޖެހިލައިފި އެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން މިދިޔަ އަހަރުތަކުގައި ފަސޭހަކަމާއެކު ހޯދާފައިވަނީ މަހުޖަނުން ހަރަދުކުރަމުން އަންނަ ޕީއެސްޖީ އިންނެވެ. އެހެންނަމަވެސް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ލީގު ހޯދުމުގެ އަމިއްލަ ބާރު ލިލް އަށް މިހާރު ވަނީ ލިބިފަ އެވެ.

3-0 އިން ރޭ ހޯދި މޮޅާ އެކު ލިލް އެއްވަނައިގައި އޮތީ 36 މެޗުން ލިބުނު 79 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް 35 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ. ލީގުގައި ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެން ލިލް އަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. އަދި ޕީއެސްޖީ އިން ޕޮއިންޓް ގެއްލުވާލައިފި ނަމަވެސް ލިލް އަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

ރޭގެ މެޗުގައި ލިލްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބުރަކް ޔިލްމާޒް އެވެ. ފުރަތަމަ ލަނޑު ޕެނަލްޓީއަކުން ޖެހިއިރު މެޗުގެ 35 ވަނަ މިނެޓުގައި ކްލެމެންޓް މިކެލިން އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީ ބައި ލެންސް އިން ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ. 40 ވަނަ މިނެޓުގައި ޔިލްމާޒް މެޗުގެ ދެ ވަނަ ލަނޑު ޖެހިއިރު 60 ވަނަ މިނެޓުގައި ލިލްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޮނަތަން ޑޭވިޑް އެވެ.

ލިލް އިން އެންމެ ފަހުން ފްރެންޗް ލީގު ކާމިޔާބުކުރީ 2011 ވަނަ އަހަރު އެވެ. އޭގެފަހުން ޕީއެސްޖީ ނޫން ޓީމަކަށް ޗެމްޕިއަންކަން ހޯދުނީ 17-2016 ވަނަ ސީޒަނުގައި މޮނާކޯ އެވެ. ޕީއެސްޖީ އިން ވަނީ 2013، 2014، 2015، 2016، 2018، 2019 އަދި މިދިޔަ އަހަރު ފްރެންޗް ލީގު ކާމިޔާބުކޮށްފަ އެވެ.

ލިލްއާ ވާދަކުރަމުން އަންނަ ޕީއެސްޖީ ލީގުގައި ކުޅޭ މެޗުގައި މާދަމާ ރޭ ރަށުން ބޭރުގައި ނުކުންނާނީ ރެންސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރޭގަނޑު 12 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!