ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ގުރޫޕް 2ގެ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބާއި ވިލިމާލެ ޔުނައިޓެޑު ބައްދަލުކުރި މެޗު ކެޕިޓަލް ސިޓީ ކާމިޔާބު ކޮށްފި. މިމެޗް ކެޕިޓަލް ސިޓީން ކާމިޔާބުކުރީ 2-0 އިންނެވެ.
މިއީ މިދެޓީމު މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ވިލިމާލެއިން ލޮރެންޒޯއާ ވާދަކޮށް 3-3 އިން އެއްވަރުކުރިއިރު ކެޕިޓަލް ސިޓީ ފުރަތަމަ މެޗުގައި ބެންޗް ސްޕޯޓްސް ކުލަބު އަތުން ބަލިވީ 1-0 އިންނެވެ.
ރޭގެ މެޗުގައި ކެޕިޓަލް ސިޓީއިން ޖެހި ދެ ލަނޑުވެސް ޖަހައިދިނީ ފޯވަޑް އިބްރާހިމް ޒާހިދު (ޒާޑު) އެވެ. މިސީޒަނުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޓީމުގައި ހިމެނުނު ޒާޑު ކެޕިޓަލް ސިޓީއަށް ބަދަލުވީ މާޗު މަހުގެ ޓްރާންސްފާ ބާޒާރުގަ އެވެ. އޭނާ ކުލަބް ބަދަލުވިއިރު ސަސް އަށް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ.
މެޗުގެ އަށްވަނަ މިނިޓުގައި ޒާޑު އޭނާގެ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓުގަ އެވެ.
މުބާރާތުގައި މިރޭ 10 ޖަހާއިރު ބައްދަލުކުރާނީ ގުރޫޕް 3ގެ ސްޕޯޓްސް ކުލަބް ހޮސްކޯވޯ އާއި ބުރު ސްޕޯޓްސް ކުލަބެވެ.