ތިންވަނަ ޑިވިޝަން ފުޅުބޯޅަ މުބާރާތުގައި ރޭ ބައްދަލުކުރި ގުރޫޕް 2 ގެ ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބާއި ބެންޗް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ބެންޗް ސްޕޯޓްސް ކާމިޔާބު ކޮށްފި އެވެ. އެޓީމު މެޗު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ބެންޗް ސްޕޯޓްސް ކުލަބުން ޖެހި ހަމައެކަނި ގޯލު މެޗުގެ 68 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ މިޑްފީލްޑަރ މުހައްމަދު ނައުފަލް އަލީ އެވެ. މިމުބާރާތުގައި އެޓީމަށް އިރުޝާދު ދެނީ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ދާއިރާއިން ކުރިހޯދަމުން އަންނަ ކުރީގެ ގައުމީ ޓީމުގެ މިޑްފީލްޑަރ އަހުމަދު ނިޔާޒު (ނިޔާ) އެވެ.
3rd Division: Hard-fought win for Bench SC against Capital City Sports Club in the second fixture form group 2! pic.twitter.com/0dZmR0fhgl
— Fahuminet (@fahuminet) April 23, 2021
ޖުމްލަ ހަތަރު ޓީމު ހިމެނޭ މި ގުރޫޕުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލިމާލެ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސް ކުލަބެވެ. މިދިޔަ ހޯމަ ދުވަހުގެރޭ ކުޅެވުނު އެމެޗް ފޯރިގަދަ ކުޅުމަކަށް ފަހު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.
މިމުބާރާތުގެ މެޗެއް ދެން ކުޅެވޭނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ. އެރޭގެ 10 ޖަހާއިރު ބައްދަލުކުރާނީ ގުރޫޕް 1 ގެ ޓެންޓް ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބެވެ. މި ދެޓީމު ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކޮށްފަ އެވެ. ގުރޫޕް 2ގެ ވިލިމާލެ ޔުނައިޓެޑާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކުލަބް ބައްދަލުކުރާނީ ޖެހިގެން އަންނަ އަންގާރަ ދުވަހުގެ ރެއެވެ.