ފުރަތަމަ ސަފްޙާ / ޚަބަރު / ޓީނޭޖްގެ އެނބުރިއައުން، އޯވަންއޯ ސިއްސުވާލައިފި!

ޓީނޭޖްގެ އެނބުރިއައުން، އޯވަންއޯ ސިއްސުވާލައިފި!

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 އެޕްރީލް 2021

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ރޭ ކުލަބް ޓީނޭޖާއި ކުލަބް އޮންލީ ވަން އޮޕޮޗޫނިޓީ (އޯވަންއޯ) ބައްދަލުކުރި މެޗް ފަހަތުން އަރައި ކުލަބް ޓީނޭޖް ކާމިޔާބު ކޮށްފި އެވެ. ގުރޫޕް 4 ގެ މިމެޗް ޓީނޭޖް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަކީ 16 އަހަރުގެ މެދުކެނޑުމަކަށް ފަހު ކުލަބް ޓީނޭޖް ކުޅުނު ފުރަތަމަ ރަސްމީ ފުޓުބޯޅަ މެޗެވެ. އެޓީމު އެންމެ ފަހުން ކުޅުނީ 2004 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން މުބާރާތުގެ ސެމީފައިނަލް މެޗެވެ.

ހިންމަފުށްޓަށް 2018 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު އުސްމާން ނަސީރު (އޮއިލޭ)ގެ އިރުޝާދުގެ ދަށުން ކުޅެން ނުކުތް ޓީނޭޖުން ވަނީ އެޓީމުން ގެނައި ދެ ބިދޭސީ ކުޅުންތެރިން ކަމަށްވާ ފޯވަޑް ރިފާތު މުހައްމަދާއި ޑިފެންޑަރ ޔޫސުފް އޮސާމާ ވެސް ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ. މި ދެކުޅުންތެރިންނަކީ ވެސް މިސްރުގެ ދެކުޅުންތެރިންނެވެ.

ކުލަބް އޯވަންއޯ އިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ – ފޮޓޯ: ކްލަބް އޯވަންއޯ

އަރަމުން އަންނަ ޒުވާން ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގެ ދަށުބް ނުކުތް ކުލަބް އޯވަންއޯއިން މި ސީޒަނަށް ބިދޭސީ 4 ކުޅުންތެރިން ގެނައި ނަމަވެސް، ކޮވިޑް-19އާ ގުޅިގެން މުބާރާތް ނުފެށި ދިގުލައިގެން ދިޔުމުގެ ސަބަބުން ބައެއް ކުޅުންތެރިން ވަނީ ދޫކޮށްލަން ޖެހިފައެވެ. ކިރްގިސްތާނުގެ މިޑްފީލްޑަރ މޮމުނޯވް އާއި ސާބިއާގެ ޑިފެންޑަރ މިލޯސް ކޮވަސެވިޗް ދޫކޮށްލިއިރު ޓްރިނަޑާޑް އެންޑް ޓޮބޭގޯގެ ފޯވަޑް ސެމިއުލް ވަނީ ޓްރާންސްފާ ބާޒާރުގައި ދިވެހި ޕްރިމިއަރ ލީގުގެ ކުލަބް ޓީސީ ސްޕޯޓްސް ކުލަބާ ގުޅިފަ އެވެ. ޓީމުގައި ބެހެއްޓީ ރަޝިއާގެ މިޑްފީލްޑަރ ޑްމިޓްރީ ރޮޒްޑެސްޓްވޯވް އެކަންޏެވެ.

އެހެން ނަމަވެސް އޯވަންއޯއިން ވަނީ ފަހުން އިތުރު ދެ ބިދޭސީ ކުޅުންތެރިން ގެނެސްފަ އެވެ. އެއީ އިޓަލީގެ މިޑްފީލްޑަރެއް ކަމަށްވާ ޖިއަކޯމޯ ފަވޭރޯގެ އިތުރުން ނައިޖީރިއާގެ ފޯވަޑް ގޮޑްފްރޭ ވެސްޓް އޮމޮޑޫ އެވެ. ވެސްޓަކީ މީގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވިކްޓަރީ ސްޕޯޓްސް ކުލަބަށާއި ވެލެންސިއާއަށް ކުޅެފައިވާ ތަޖުރިބާކާރު ފޯވަޑެކެވެ.

ރޭގެ މެޗުގެ ޓީމު ލިސްޓުގައި ވެސްޓް ހިމަނާފައި ނުވި ނަމަވެސް ފަވޭރޯ ވަނީ ތޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެގޮތުން އޯވަންއޯއަށް މެޗުގެ 18 ވަނަ މިނިޓުގައި ފުރަތަމަ ލީޑު ނަގައިދިނީވެސް ފަވޭރޯ އެވެ. ނަމަވެސް 34 ވަނަ މިނިޓުގައި އަހުމަދު ޖައިލަމް ވަނީ ޓީނޭޖަށް ލަނޑެއް ކާމިޔާބު ކޮށްދީ، ނަތީޖާ އެއްވަރު ކޮށްފަ އެވެ.

3rd Division: Return of Club Teenage stuns Club O1O!
???? Mohamed Aleef / Leefphotos pic.twitter.com/SAJQLuEjUp

— Fahuminet (@fahuminet) April 22, 2021

މެޗުގައި ޓީނޭޖުން ފުރަތަމަ ފަހަރަށް ލީޑު ނެގީ 71 ވަނަ މިނިޓުގަ އެވެ. މި ލަނޑު ވެސް އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޖައިލަމް އެވެ. ޓީނޭޖުން ނަތީޖާ އިތުރަށް ފުޅާކުރީ 90 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ފޯވަޑް ތިފާތު މުހައްމަދެވެ. އެޓީމުން ޖެހި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ އަލީ ނާހިލް އެވެ.

މުބާރާތުގައި މިރޭ ބައްދަލުކުރާނީ ގުރޫޕް 1 ގެ ބިސްބުރު ސްޕޯޓްސް ކުލަބާއި ތުޅާދޫ އެވެންޗާސް ސްޕޯޓްސް އެވެ. މާފަންނު އެއްނަންބަރު ޓާފުގައި ކުޅޭ މިމެޗް ވެސް ފަށާނީ 10 ޖަހާއިރު އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!