ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫވީ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާކޮށްފި
ފަހުމިނެޓް

ޔޫވީ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑު ފުޅާކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 30 މާރޗް 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ހަމައެކަނި ގޯލާއެކު މާޒިޔާ އިން 1-0 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު މާޒިޔާ އެއް ވަނައިގައި އޮތީ ކުޅުނު 10 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ކްލަބް ގްރީން ސްޓްރީސް ބަލިކުރި ކްލަބް ވެލެންސިއާ އޮތީ 10 މެޗުން ލިބިފައިވާ 18 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. މިއަދުގެ މެޗުން ބަލިވިއިރު ޔުނައިޓެޑް ވިކްޓްރީއަކީ ލީގުގެ ފުރަތަމަ 10 މެޗުން މިހާތަނަށް މޮޅެއް ނުލިބޭ ހަމައެކަނި ޓީމެވެ. އަށް ޓީމު ވާދަކުރާ ލީގުގައި ތިން ޕޮއިންޓާ އެކު އެޓީމު އޮތީ ފުލުގަ އެވެ.މިއަދުގެ މެޗަށް ނުކުތް މާޒިޔާގެ ޓީމުގެ ފުރަތަމަ އެގާރައިގައި އެންމެ ފަހުގެ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ އާއި ސްޕެއިންގެ ޑިފެންޑަރު ޕޯޒޯ ވަނީ ހިމަނައިފަ އެވެ. އެކަމަކު އެޓީމާ ގުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފްގެ ބަދަލުގައި މިއަދު ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު ހުސައިން ޝަރީފް އެވެ. ކުރިން ވެސް މާޒިޔާގެ ގޯލު ބެލެހެއްޓި މަހުމޫދު މިއަދުގެ މެޗުގައި ނުކުޅުނީ އަނިޔާގައި ހުރުމުގެ ސަބަބުންނެވެ.

މާޒިޔާ އާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގައި ޔުނައިޓެޑް ވިކްޓްރީން ބޮޑަށް މަސައްކަތްކުރީ މާޒިޔާއިން ގޯލެއް ޖެހިޔަ ނުދިނުމަށެވެ. މި ހާފުގައި މާޒިޔާއަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަހެއް ނުކުރެވުނެވެ. ދެ ވަނަ ހާފުގައި މާޒިޔާގެ މުހައްމަދު އުމެއިރު އަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. މާޒިޔާއިން މެޗުގައި ލީޑު ނެގި ލަނޑު ހަމްޕު ޖެހީ މެޗުގެ 73 ވަނަ މިނެޓުގަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ހަމްޕުގެ ލަނޑަށް ފަހު މެޗުގެ ފަހުކޮޅު ލީޑު ފުޅާކުރަން އަސަދުﷲ އަބްދުﷲ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. މާޒިޔާއިން ލީޑު ނެގުމުން ޔުނައިޓެޑް ވިކްޓްރީން ވަނީ ކުރިއަށްޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިން ހަމްޕު އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!