މާލޭ އެކުވެނި ދުވާ ޓްރެކް ސިންތެޓިކް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހު އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައި އާއްމުންނަށް ހުޅުވާލައިފި އެވެ.
ފެންވަރު ރަނގަޅު ޓްރެކެއް ޒުވާނުންގެ އެދުމާ އެއްގޮތަށް ތަރައްގީކޮށް ހުޅުވުމަކީ އެތުލީޓުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ޓްރެކް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
ރައީސްގެ އަރިހުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ގާތްގަނޑަކަށް ފަސް މަހެއްހާ ދުވަސްތެރޭ މި ޓްރެކްގައި ބައިނަލްއަގްވާމީ ފެންވަރުގެ ހަރަކާތްތައް ހިންގޭގޮތަށް ތަރައްގީކުރީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ. .

އެކުވެނި ދުވާ ޓްރެކް ތަރައްގީކޮށް ބޭނުންކުރަން ފެށީ 1996 ވަނަ އަހަރު އެވެ. 24 އަހަރު ފަހުން ދުވާ ޓްރެކް ޒަމާނީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. ޓްރެކްގެ ސަބްބޭސް މަސައްކަތް އާރުކޭއެލް ގްރޫޕުން ކުރިއިރު ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އިންނެވެ.
ދުވާ ޓްރެކަކީ އާއްމުން ކަސްރަތު ކުރުމަށް ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން އެތަނުގައި ކްރިކެޓް ކުޅުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިވެންޓުތައް ވެސް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޓްރެކުގައި ކަސްރަތުކުރުމާއި ދުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވީ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރުން ވާރޭ ވެހުމުން އެތަނުގައި ފެންބޮޑުވާތީ އެވެ.
A 24 year wait for a proper synthetic track ended today with the opening of Ekuveni Synthetic Track. Thank HEP @ibusolih & PM @narendramodi for the invaluable efforts in making this dream a reality. It will remain as a symbol of the longstanding friendship between ???????? & ????????. pic.twitter.com/I7wlVRGBfX
— Ahmed Mahloof (@AhmedMahloof) January 16, 2021
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުއްމީދަކީ ސަރުކާރުން ގާއިމްކުރާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ޒުވާނުން ހޯދުން ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ އާ ސިންތެޓިކް ޓްރެކާ އެކު ރާއްޖޭގައި ބާއްވާ ގައުމީ ކަސްރަތު މުބާރާތްތަކާއި ސްކޫލްތަކުގެ ކަސްރަތު މުބާރާތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވާނެ ކަމަށެވެ.
ސިންތެޓިކް ޓްރެކް ހުޅުވުމަށް ފަހު މިރޭ ފަތިހުން ފެށިގެން އާއްމުންނަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ. ސިންތެޓިކް ޓްރެކުގައި ދުވުމުގެ ފުރުސަތު އާއްމުންނަށް ދެ ގަޑިއެއްގައި ވަނީ ހުޅުވާލައިފަ އެވެ. އެއީ ފަތިހު 5 އިން ހެނދުނު 8 އަށް އަދި ހަވީރު 6 އިން ރޭގަނޑު 12އާ ދެމެދު އެވެ.
