މި މަހުގެ 17 ވަނަ ދުވަހު މާލޭގައި ބާއްވާ “މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022” ގެ ހަފްލާ އަށް ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަގުބޫލު ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފަބްރީޒިއޯ ރޮމާނޯ ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވާނެކަން ހާމަކުރެއްވީ މިރޭ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގަ އެވެ.
އިޓަލީ މިލާނަށް އުފަން ފަބްރީޒިއޯ ރޮމާނޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ހަބަރުތަކުގެ ސައްހަކަން ކަށަވަރުކުރަން އެންމެ ގިނަބަޔަކު ބޭނުންކުރާ މަސްދަރެވެ. ފަބްރީޒިއޯ ރޮމާނޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ޓްވިޓާގައި 7.2 މިލިއަން ފޮލޯވާސް އެބަތިއްބެވެ. ސްކައިސްޕޯޓްސް އިޓާލިއާގައި މަސައްކަތްކުރަމުން އަންނަ ފަބްރީޒިއޯ ރޮމާނޯ އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކާއި ޓީވީ ޗެނަލްތަކުގައި ފުޓްބޯޅައިގެ މައުލޫމާތު ގެނެސްދެމުންނެވެ.
ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރާ ހުރިހާ ކުޅިވަރެއް ހިމެނޭހެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެވޯޑް ހަފްލާ 17 ވަނަ ދުވަހު އޮންނާނީ މާލޭ ކުޅިވަރު އެކުވެރި އެއް ނަންބަރު ދަނޑު އޮންނަ ސިންތެޓިކް ޓްރެކް ސަރަހައްދުގަ އެވެ. މި ހަފްލާގައި ބައިވެރިވުމަށް އެކި ކުޅިވަރުތަކުގެ މަޝްހޫރު އެތުލީޓުން ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފަބްރީޒިއޯ ރޮމާނޯގެ އިތުރުން އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ އެންމެ ހާއްސަ ފަރާތަކީ ބްރެޒިލާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ކުރީގެ މަޝްހޫރު ފުލްބެކް ރޮބާޓޯ ކާލޯސް އެވެ. މީގެ އިތުރުން ސައުތު އޭޝިއާ ސަރަހައްދުގެ ކުޅިވަރު ތަރިންނާއި، ދުނިޔޭގެ ފެންވަރުގައި ކުޅިވަރުގެ ގިނަ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތައް މި ހަފްލާގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅިވަރު ތަރިންގެ އިތުރުން ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރާއި ސައުދީ އަރަބިއާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު އެވޯޑް ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. ހަފްލާ ބޭއްވުމަށް މިހާރު ކުރަމުން އަންނަ އެންމެ ބުރަ މަސައްކަތަކީ އެ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތެވެ. ހަފްލާއަށް ދައުވަތު އަރުވާފައިވާ ކުޅިވަރުގެ ތަރިންނާއި ސްޕެޝަލް އިންވައިޓީސް މާދަމާއިން ފެށިގެން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅިވަރު އެވޯޑް ދިނުމަށް ޖަޖުންގެ ހާއްސަ ޕެނަލެއް ވަނީ އެކުލަވާލާފަ އެވެ. އެވޯޑަށް ކުޅުންތެރިން ނޮމިނޭޓް ކޮށްފައިވަނީ ކުޅިވަރު އެސޯސިއޭޝަންތަކުންނެވެ.