ފުރަތަމަ ސަފްޙާ / ޚަބަރު / ނުކުޅެދުންތެރިން ހުންނަ ފަރާތްތަކަށް ހިންގާ ކުޅިވަރު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ނުކުޅެދުންތެރިން ހުންނަ ފަރާތްތަކަށް ހިންގާ ކުޅިވަރު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 10 ޑިސެމްބަރު 2020

ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެގޮތް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ފެށި ހާއްސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ދީފައިވާ ނަމަކީ “މަވެސް މިހުރީ” އެވެ. މި ޕްރޮގްރާމްގައި ހިމެނެނީ ފުޓްބޯޅަ އާއި ސްވިމިންގެ އިތުރުން އެތުލެޓިކްސް އަދި ބެޑްމިންޓަން އެވެ. ޔޫތު މިނިސްޓްރީން މިއަދު ވަނީ މި ޕްރޮގްރާމްގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފޯމު ޔޫތު އެކަމަޑޭޝަން ބްލޮކްގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުން ވެސް ލިބޭނެ ކަމަށެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ހުއްދައާ އެކު އެ އިދާރާއިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްރޮގްރާމް "މަވެސް މިހުރީ" ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލުން.

އޮންލައިންކޮށް ރަޖިސްޓްރީކުރެއްވުމަށް: https://t.co/yWI01OQdRC pic.twitter.com/GRteMjIkMI

— Ministry of Sports, Fitness and Recreation (@MoSFR_mv) December 10, 2020

މަވެސް މިހުރީ ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އެވެ. މީގެ ދެ ދުވަސް ކުރިން މި ޕްރޮގްރާމް އިފްތިތާހު ކުރެއްވުމަށް ފަހު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ފުރުސަތުގެ ބޭނުން ހިފައިގެން މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅެވޭނެ ގޮތް ހަމަޖެހިގެން ދިޔަނަމަވެސް ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅުތެރޭގައި މި ހަރަކާތް ފުޅާކުރައްވާނެ ކަމަށެވެ. މި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެނީ ހިލެ އެވެ.

ޕްރޮގްރާމްގައި ގައުމީ ހަތަރު ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ. ހާއްސަކޮށްފައިވާ ކުޅިވަރުތައް ނިސްބަތްވަނީ ވެސް މި އެސޯސިއޭޝަންތަކަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފެށިއިރު މި މަހުގެ ހަތް ވަނަ ދުވަހު މިނިސްޓަރު މަހުލޫފް ވަނީ އެފަދަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވެފަ އެވެ.

“ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް ބާރު ސްޕީޑެއްގައި ގެންދިއުމަށް ބާރުއެޅުއްވުމަށް ފަސްޓް ލޭޑީ ފަޒްނާ ވަނީ ބެލެނިވެރިން އަދި ބައެއް އެސޯސިއޭޝަންތަކާ ބައްދަލު ކުރައްވާފަ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެންދާނެ” މިދިޔަ ހޯމަ ދުވަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!