ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެގޮތް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ހާއްސަ ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
މި ޕްރޮގްރާމްގައި ހިންގުމުގައި ހަރަކާތްތެރިވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީ އަދި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އެވެ. ޕްރޮގްރާމް އިފްތިތާހު ކުރެއްވުމަށް ފަހު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ފުރުސަތުގެ ބޭނުން ހިފައިގެން މި ޕްރޮގްރާމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅެވޭނެ ގޮތް ހަމަޖެހިގެން ދިޔަނަމަވެސް ޖާގަ ލިބެމުންދާ މިންވަރަކުން އަތޮޅުތެރޭގައި މި ހަރަކާތް ފުޅާކުރައްވާނެ ކަމަށެވެ. މި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދެނީ ހިލެ އެވެ.
ޕްރޮގްރާމްގައި ގައުމީ ހަތަރު ކުޅިވަރު އެސޯސިއޭޝަނަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.
މައިގަނޑު ހަތަރު ކުޅިވަރެއް ހިމެނޭ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ޔޫތު މިނިސްޓްރީން ބުނީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފޯމު ޔޫތު އެކަމަޑޭޝަން ބްލޮކްގައި ހުންނަ ސްޕެޝަލް އޮލިމްޕިކް ކޮމިޓީގެ އޮފީހުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. ޕްރޮގްރާމްގައި ބައިވެރިވާ ކުދިންގެ ޕްރެކްޓިސްތައް ފެށުމަށް ހަމަޖެހިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ހުއްދައާ އެކު އެ އިދާރާއިން ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފެށިއިރު މި މަހުގެ ހަތް ވަނަ ދުވަހު މިނިސްޓަރު މަހުލޫފް ވަނީ އެފަދަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވެފަ އެވެ.
“ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރު ކުޅުމުގެ ފުރުސަތުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތް ބާރު ސްޕީޑެއްގައި ގެންދިއުމަށް ބާރުއެޅުއްވުމަށް ފަސްޓް ލޭޑީ ފަޒްނާ ވަނީ ބެލެނިވެރިން އަދި ބައެއް އެސޯސިއޭޝަންތަކާ ބައްދަލު ކުރައްވާފަ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށިގެންދާނެ” މިދިޔަ ހޯމަ ދުވަހު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.