ފުރަތަމަ ސަފްޙާ / ޚަބަރު / ސައުދީ އަރަބިއާގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ލީގެއް ފަށައިފި

ސައުދީ އަރަބިއާގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ލީގެއް ފަށައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 19 ނޮވެމްބަރު 2020

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ސައުދީ އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ ލީގު މިދިޔަ އަންގާރަ ދުވަހު ފަށައިފި އެވެ. މިއީ ކުޅިވަރުގެ ދިގު ތާރީހުގައި ސައުދީގައި އަންހެން ފުޓްބޯޅަ މުބާރާތެއް ކުޅޭ ފުރަތަމަ ފަހަރެވެ.

އަލަށް ފެށި ފުޓްބޯޅަ ލީގުގައި ވާދަކުރާ 24 ޓީމުގައި 600 އަށް ވުރެ ގިނަ ކުޅުންތެރިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި ޓީމުތައް ނިސްބަތްވަނީ ވެރިރަށް ރިޔާދަށާއި ޖެއްދާ އަދި ދައްމާމް އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުތައް އަންގާރަ ދުވަހު ކުޅުނުއިރު އެ މެޗުތައް ޓީވީން ދުރަށް ދައްކާފައެއްނުވެ އެވެ. މެޗުތައް ވަގުތުން ނުދެއްކި ނަމަވެސް އަންހެނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުމާ އެކު ސައުދީގެ މީޑިއާތަކުން ވަނީ އެކަން ފާހަގަކޮށްފަ އެވެ.

ސަގާފީ، ދީނީ އަދި މުޖުތަމައުގެ ގަބޫލުކުރުންތަކާ އެކު ސައުދީގައި އަންހެނުންނަށް ސްޓޭޑިއަމްތަކަށް ދިއުމުގެ ފުރުސަތު ވެސް މީގެ ކުރިން ނުލިބެ އެވެ. އެގައުމުގެ އަންހެން ސަޕޯޓަރުންނަށް ދަނޑަށް ވަދެ ޓީމަށް ތަރުހީބު ދިނުމުގެ ފުރުސަތު ލިބުނީ 2018 ވަނަ އަހަރު އެވެ. އެހެންވެ އަންހެނުންނަށް ފުޓްބޯޅަ މުބާރާތްތަކުގެ ވާދަކުރުމުގެ ފުރުސަތު ލިބުމާއެކު ގިނަ ބަޔަކަށް ވަނީ ހިތްހަމަޖެހުން ލިބިފަ އެވެ.

އަންހެން ފުޓްބޯޅަ ލީގު އެންމެ ފުރަތަމަ ތާވަލްކުރީ މިއަހަރުގެ މާޗް މަހަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން އެ މުބާރާތް ފަހުން ފަސްކުރި އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކުން އެންމެ ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ އެ ކްލަބެއް ނިސްބަތްވާ ސިޓީގަ އެވެ. އެއަށްފަހު މުޅި ސައުދީ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބުރުގައި އެޓީމުތަކުން ވާދަކުރާނެ އެވެ. މި މުބާރާތުގައި 133000 ޑޮލަރުގެ ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުދީގެ ސްޕޯޓްސް ފޯ އޯލް ފެޑެރޭޝަނުން ބުނީ އަންހެން ފުޓްބޯޅަ ލީގަކާ އެކު އަންހެނުން ބާރުވެރި ކުރުވި އެމީހުން ހަރަކާތްތެރިވެ ކުޅިވަރުތަކުގައި ބައިވެރިކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ސައުދީ ފުޓްބޯޅަ ކޯޗު އަދި ސްޕޯޓްސް ޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ އަބްދުﷲ އަލްޔާމީ ބުނީ މިއީ އަންހެން އަދި ފިރިހެން ކުޅިވަރު ކުޅުންތެރިންނަށް ވެސް ވަރަށް އުފާވެރި ހަބަރެއް ކަމަށެވެ.

“އަހަރެމެންނަށް ފެނިފައިވާ މަންޒަރަށް ބަލާއިރު މިއީ ކުޅިވަރަށް ވަރަށް ލޯބިކުރާ ގައުމެއް. އަންހެން ލީގެއް ފެށުމާއެކު ޕްރޮފެޝަނަލް ކުޅިވަރެއްގައި އެތަން އަންހެނުންނެއް ފެނިގެންދާނެ” އަލްޔާމީ ބުންޏެވެ.

އަންހެން ފުޓްބޯޅަ ލީގެއް ފަށައިގެން ކުރިއަށްދާއިރު މި ހަފްތާތެރޭ ސައުދީގައި ފުރަތަމަ ފަހަރަށް ވަނީ އަންހެން ގޯލްފް މުބާރާތެއް ވެސް ފަށައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!