މިއަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ސްޕެއިންގެ ފޯވާޑަކާއި އުޒްބެކިސްތާންގެ ގޯލްކީޕަރެއްގެ އިތުރުން ޖަޕާނުގެ އިތުރު މިޑްފީލްޑަރެއް ގެނެސްފި އެވެ. މި ތިން ކުޅުންތެރިންނާ އެކު ސަސް އަށް ގެނައި ބިދޭސީ ކުޅުންތެރިންގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ.
ދެ ވަނަ ޑިވިޝަންގެ ރަނަރަޕްކަން ހޯދައި ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރަން ސަސް އަންނަނީ ވަރުގަދައަށް ތައްޔާރުވަމުންނެވެ. އެޓީމަށް ގެނައި ބިދޭސީ ފުރަތަމަ ކުޅުންތެރިއަކީ 2018 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ރާއްޖޭގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް ކުޅުނު ޖަޕާނުގެ 26 އަހަރުގެ އެއިސުކީ މޯރީ އެވެ. އެއިސުކީ ވަނީ ލާއޯސް ލީގާއި މޮންގޯލިއާ ލީގާއި އަރްމޭނިއާ ލީގުގައި ވެސް ކުޅެފަ އެވެ. އެއިސުކީ އަކީ މެދުތެރޭގެ އިތުރުން ފަހަތަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.
ސަސް އަށް ގެނައި ފޯވާޑް ވިކްޓޯ ރޮޑްރިގޭޒް ވަނީ ސްޕެއިންގެ ޓީމުތަކަށް މީގެ ކުރިން ކުޅެފަ އެވެ. މީގެ އިތުރުން އޮސްޓްރިއާގެ ޓީމަކުން ވެސް ވިކްޓޯ ކުރިން ވަނީ ފެނިފަ އެވެ. ސްޕެއިންގައި ވިކްޓޯ ކުޅުނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ ޓީމުތަކުންނެވެ. އުޒްބެކިސްތާނުގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް ވަނީ އެގައުމުގެ ޓީމުތަކަށް މީގެ ކުރިން ކުޅެފަ އެވެ. ޖަޕާންގެ މިޑްފީލްޑަރު އަޓްސުޝީ ޔޮނެޒޭވާ އަކީ ވެސް ފުޓްބޯޅައިގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. އޭނާ ވަނީ އިންޑިއާގެ ލީގާއި ޖަޕާން، މެލޭޝިއާ އަދި އިންޑޮނީޝިއާގެ ޓީމުތަކަށް މީގެ ކުރިން ކުޅެފަ އެވެ.
ސަސް އިން ވަނީ މިދިޔަ ހަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ފައްރާހް (ފައްރަ) އާއި ކުރިން ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)، ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އުމުރުން 35 އަހަރުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އާއި ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި އަހުމަދު އައިހަމް އަދި މިދިޔަ އަހަރުތަކުގައި ސަސް އަށް ކުޅުނު އަހުމަދު ފަރުހާން (ގައްބެ) ގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ ކްލަބް ޕީކޭ އަށް ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ހަމީދު (ހެލްމެޓް) ގެނެސްފަ އެވެ.
އާ ސީޒަނަށް ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކަށާއި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް އިރުޝާދު ދީފައިވާ އަހުމަދު ނާޝިދު (ނާދު) އެވެ.
އާ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އެދުވަހު ކުޅޭ ސީޒަން ހުޅުވާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް އީގަލްސް އެވެ. ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ވަނަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ސަސް ނުކުންނަނީ އީގަލްސްއާ ދެކޮޅަށެވެ.