މާލޭ އެކުވެނި ދުވާ ޓްރެކް ސިންތެޓިކް އަޅައިގެން ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ރޭ ރަސްމީކޮށް ފަށައިފި އެވެ.
ޒުވާނުންގެ އުއްމީދާ ގުޅިފައިވާ މި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސްކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އެވެ. ޓްރެކް ތަރައްގީކުރާ ސަރަހައްދުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ އަރިހުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ވަނީ އެކުވެނި ޓްރެކާއި ގުޅޭގޮތުންނާއި އެތަން ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ.
މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ އެކުވެނި ދުވާ ޓްރެކް ތަރައްގީކޮށް ބޭނުންކުރަން ފެށީ 1996 ވަނަ އަހަރު އެވެ. 24 އަހަރު ފަހުން ދުވާ ޓްރެކް ޒަމާނީ ކުރުމުގެ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. ޖޫން 22 ދުވަހު ފެށި މި މަސައްކަތް ނިމޭއިރު އެތަނުގައި އޮންނާނީ ޒަމާނީ ފެންވަރުގެ ސިންތެޓިކް ޓްރެކެވެ.
ޓްރެކުގައި ގާއިމްކުރަންޖެހޭ ސަބްބޭސްގެ މަސައްކަތް އާރުކޭއެލް ގްރޫޕުގެ ފަރާތުން މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު ފެށިއިރު މިހާރު އެ މަސައްކަތް ވަނީ އެއްކޮށް ނިންމާލައިފަ އެވެ. ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ކުރާނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް) އިންނެވެ. ސަރުކާރުން އަމާޒުހިފީ މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހަށް މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. އެކަމަކު ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން މިހާރު މަސައްކަތްކުރަމުން އަންނަނީ މިއަހަރު ނިމުމުގެ ކުރިން މަސައްކަތް އެއްކޮށް ނިންމާލުމަށެވެ.
މިނިސްޓަރު މަހުލޫފް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޓްރެކް ނިމުމުން ކްރިކެޓް، އެތުލެޓިކްސް އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ޓްރެކް މީގެކުރިން ބޭނުންކުރަމުން ދިޔަ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.
ދުވާ ޓްރެކަކީ އާއްމުން ކަސްރަތު ކުރުމަށް ބޭނުންކުރާ ތަނެކެވެ. މީގެ އިތުރުން އެތަނުގައި ކްރިކެޓް ކުޅުމާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިވެންޓުތައް ވެސް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ޓްރެކުގައި ކަސްރަތުކުރުމާއި ދުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވީ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރުން ވާރޭ ވެހުމުން އެތަނުގައި ފެންބޮޑުވާތީ އެވެ.